29 Oct 2014, 14:37
ދިވެހި ރާއްޖޭގައި ޑިވެލޮޕްމަންޓް ބެންކެއް ގާއިމް ކުރުމާއި ގުޅޭގޮތުން ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް މާލިއްޔަތު ކޮމެޓީއިން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހަޅުއްވާފައި ވަނީ އިޖްތިމާއީ ދުޅަހެޔޮކަން ރާއްޖެ އަށް ގެނައުމަށް ޓަކައި ރާއްޖެއަށް ޑިވެލޮޕްމަންޓް ބެންކެއް ވަރަށް މުހިންމު ކަމަށާއި އެހެން ކަމުން އެފަދަ ބެންކެއް ގާއިމް ކުރުމަށް ލަފަޔެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ސުވާލަކޫ ޑިވެލޮޕްމަންޓް ބެންކެއް ގާއިމް ކުރުމުގެ ލަފަޔަކީ ކޮބާތޯ، ހުރި ހުރަސް ތަކަކީ ކޮބާތޯ" އާމިރު ވިދާޅުވިއެވެ.
ޑިވެލޮޕްބެންކެއް ގާއިމް ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް މިއަދު މާލިއްޔަތު ކޮމެޓީއިން ފާސްކޮށްފައިވަނީ އެކޮމެޓީގެ އަގުލަބިއްޔަތުންނެވެ.
މިއަދު ކޮމެޓީގައި ދެން މަޝްވަރާކޮށްފައިވަނީ ވިލިފުށީ ދާއިރާގެ މެމްބަރު އެކޮމެޓީއަށް ހުށައަޅާފައިވާ މައްސަލަކަށެވެ. އެމައްސަލާގައި ރިޔާޒް ހުށައަޅަފައިވަނީ ބީއެމްއަކީ ރާއްޖޭގެ އިޖްތިމާއީ ތަރައްގީ އަށް މަސައްކަތް ކުރާ ބެންކް އަކަށް ވެފައި އެމަގުސަދު ހާސިލް ވުމުން ނުދާކަމަށް ބުނެއެވެ.
އެބަހުސްގެ ކުރިން އެކަމާއި ގުޅޭގޮތުން އެމްއެމްއޭއިން އެކޮމެޓީއިން ވަނީ މައުލޫމާތު ހޯދާފައިވެއެވެ. އެމްއެމްއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ބީއެމްއެލް ހިންގަމުން ދަނީ އެމްއެމްއޭގެ ރެގިއުލޭޓްގެ ތެރެއިން ކަމަށްވާއިރު އެބެންކް ހިންގަމުން ދަނީ ކޮމާޝިއަލް ބެންކެއްގެ ސިސްޓަމަށް ވުމުން އެބެންކެ ހިންގުމުގެ ކަންކަން ނިންމާނީ އެބެންކް ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.
އެމައްސަލައަށް ބަހުސް ކުރަމުން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯހިލު ވަނީ އިތުރު މައުލޫމާތު ސާފް ކުރުމަށް ބީއެމްއެލްގެ ވެރިންނަށް ސުވާލު ކުރުމަށެވެ. ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ އެހުސައެޅުމަށް ތާއީދުވެސް ކުރައްވާފައެވެ. ނަމަވެސް އެގޮތަށް ފާސްވެފައެއް ނުވެއެވެ.
ގައްދޫ ދާއިރާ މެމްބަރު އަހުމަދު ރަޝީދު ހުށައަޅާފައިވަނީ އިތުރަށް އެމައްސަލަ ނުބަލައި އެހިސާބުން އެކަން ނިންމާލުމަށެވެ. ހަތަރު މެމްބަރުންގެ ވޯޓާއެކު ފާސްވެފައިވަނީވެސް އެގޮތަށެވެ.