29 Oct 2014, 13:40
"އޮޑިޓް ގާނޫނު"އަށް ހުށަހަޅާފައިވާ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ހުށަހެޅުއްވި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 36 މެންބަރުން ވޯޓް ދެއްވި އިރު ނުފެންނަ ކަަމަށް 22 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.
އޮޑިޓް ގަނޫނުގެ ބައެއް މާއްދާތައް، އަލަށް އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ ތަޢާރުޒް ވާތީ އެ މާއްދާތައް އިސްލާޙު ކުރުމަށް ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް، އޮޑިޓް ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުތައް އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އާ އޮޑިޓާ ޖެނަރަލް އަކު 30 ދުވުގެ ތެރޭގައި އައްޔަން ކުރަން ޖެހޭ ގޮތަށް އިސްލާޙު ހުށަހަޅުއްވީ ތޯރިގް އެވެ.
އޮޑިޓް ގާނޫނަށް ތޯރިގް ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ ދެ ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ތޯރިގް ހުށަހަޅުއްވާފައި ވަނީ އޮޑިޓް ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ނަމެއް ނުވަތަ ނަން ތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ވާނެ ކަމަށެވެ.
ތޯރިގް ހުށަހެޅުއްވި އެ އިސްލާހާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މެންބަރުން އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެންބަރަކު އެފަދަ އިސްލާހެއް އޮޑިޓް ގާނޫނަށް ހުށަހެޅުމުގެ ބޭނުމަކީ މިހާރު އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ނިޔާޒް އިބްރާހީމް މަގާމުން ވަކި ކުރުން ކަމަށް ވެސް އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.
އޮޑިޓް ގާނޫނަށް ތޯރިގް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، އެ އިސްލާހުގެ ބޭނުމަކީ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި، މިހާރު އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަގާމުން ވަކިކުރުން ކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނު އަސާސީގައި އޮޑިޓާ ޖެނަރަލް މަގާމުން ވަކި ކުރުމަށް ކަނޑައަޅާފައިވާ އުސޫލު ތަކާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު މެންބަރުން އިތުރަށް ވިދާޅުވީ، މިހާރު ހުންނެވި އޮޑިޓާ ޖެނަރަލް މަގާމުން ދުރުކުރުމުގެ ބޭނުމަކީ މިހާރުގެ ސަރުކާރުގެ އޮފީސްތައް އޮޑިޓް ކުރާއިރު ސަރުކާރުގެ ބާރު ފޯރުވޭނެ ފަދަ އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުން ކަމަށެވެ. އަދި އެ މެންބަރުން ވިދާޅުވީ، ގާނޫނު އަސާސީގައި އޮޑިޓާ ޖެނަރަލްގެ މަގާމުގެ ދައުރުގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ހަތް އަހަރު ކަަމަށާއި އެހެން ކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަަމަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، އޮޑިޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ތަކަކީ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުން އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. އަދި ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ކޮމެޓީ ރިޕޯޓަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް މެންބަރުން ތާއީދުކޮށްދެއްވުމަށް ނިހާން ވަނީ އެދިވަޑައިގެންފަ އެވެ.
އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ އިސްލާހުތައް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނެރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.
ގާނޫނު އަސާސީގައިވާ ގޮތުން އޮޑިޓާ ޖެނަރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރަނީ ހަތް އަހަރުގެ މުއްދަތަކަށެވެ. އޮޑިޓާ ޖެނަރަލްގެ މަގާމުގައި މިހާރު ހުންނެވި ނިޔާޒް އިބްރާހިމް އެ މަގާމަށް އައްޔަންކުރެއްވުމަށް ނިމިގެންދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ 2011 ވަނަ އަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޮޑިޓާ ޖެނަރަލްގެ މަގާމަށް ނިޔާޒް އިބްރާހިމް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ ހަތަރެއް މެއި 2011 ގައެވެ. އެހެންކަމުން ނިޔާޒުގެ މަގާމުގެ މުއްދަތު ހަމަވާން އަދި ހަތަރު އަހަރު ބާކީ އެބައޮތެވެ.