ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގަވާއިދު ގެޒެޓްކޮށް، އެ ގަވާއިދާށް އަމަލުކުރަން ފަށައިފި އެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ‏‏ހުއްޓުވުމުގެ ގަވާއިދަކީ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ‏‏ހުއްޓުވުމުގެ ގާނޫނު" ގެ 37 ވަނަ މާއްދާގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. އެ ގަވާއިދަށް މި ހަފްތާގެ އާދީއްތަ ދުވަހު ވަނީ އަމަލް ކުރަން ފަށައިފަ އެވެ.

މި ގަވާއިދުގެ ބޭނުމަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާއިމްކުރާ ޝަކުވާ ކޮމިޓީތަކުން އެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރާނެ ގޮތާއި މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލް ކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

އެ ގަވާއިދުގެ ދަށުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް އެކުލަވައިލާންޖެހޭ ކޮމިޓީ އެކުލަވައިލާން ޖެހޭނީ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ މަރުކަޒެއްގެ ހިއުމަން ރިސޯސްއާ ބެހޭ ބައިން ކަމަަށާއި އެ ފަދަ ބައެއް، އެ އޮފީހުގައި ނެތް ނަމަ އެ ކޮމިޓީ އެކުލަވައިލާނީ އެ އޮފީހެއްގެ ވެެރިއެއް ކަމަށް އަލަށް އެކުލަވައިލި ގަވާއިދުގައިވެ އެވެ. އަދި އެ ކޮމިޓީ އެކުލެވިގެން ވާންވާނީ އެ އޮފީހެއްގެ ނުވަަތަ ތަނެއްގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ވެރިންގެ މައްޗަށް އެކުލެވޭ ތިން މެމްބަރުން ހިމަނައިގެން ކަމަށާއި އެ ކޮމިޓީގައި އަންހެން މުވައްޒަފަކު އިންނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރާ ކަމުގެ ޝަކުވާއެއް ހުށަހެޅިފައިވާ އަދި އެފަދަ އަމަލެއް ހިނގި ކަމަށް ސާބިތުވެ ފިޔަވަޅު އަޅާފައިވާ ފަރާތެއް ވެސް އެ ކޮމިޓީގައި ހިމެނިގެން ނުވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ‏‏ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދަން ޖެހޭ ކޮމެޓީ އެކުލަވާލުމަށް ފަހު އަންނަ މަހުގެ 13 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ވަޒީފާ އާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެ ޓްްރައިބިނަލުން ވަނީ އަންގައިފަ އެވެ.

އެ ގަވާއިދުގެ ދަށުން ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން މަނާކުރުމާ ބެހޭ ކޮމިޓީން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ ތަންތަނާއި ހިދުމަތް ހޯދާ މަރުކަޒުތަކާއި ކުޑަކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަން އާއްމުންނަށް ފެންނާނެ ގޮތަށް ބަހައްޓަން ޖެހެ އެވެ.

އެ ގަވާއިދުގެ ދަށުން ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް ބަލަންޖެހޭނީ މައްސަލަތައް ހުށަހެޅޭ ތަރުތީބުންނެވެ. އަދި އެ މައްސަލައިގެ ބާވަތަށާއި ހާލަތަށް ބަލައި އެ މައްސަލައެއް އަވަސް ތަހުގީގެއް ހިންގަންޖެހޭ ފަދަ މައްސަލައެއް ކަމަށް ކޮމިޓީއަށް ފެންނަ މައްސަލައެއް ކަމުގައިވާނަމަ އެވެ.

ޝަކުވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލައަކީ އެ ކޮމީޓީއަށް ބެލޭނެ މައްސަލައެއް ކަމުގައި ވާނަ އެ މައްސަލައެއް ބެލޭނެ ކަން ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހުށަހެޅި ފަރާތަކަށް އަންގަން ޖެހޭނެ އެވެ. އަދި އެކޮމިޓީއަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއް ކަމުގައިވާނަމަ އެ މައްސަލައެއް 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަން ޖެހޭ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެއިތުރުން އެ ކޮމިޓީން ބަލަމުން ގެންދާ މައްސަލައެއްގައި ސުވާލުކުރެވެމުންދާ ފަރާތެއް ރަށުން ބޭރަށް ދާ ކަމުގައިވާނަމަ އެކޮމިޓީއަށް އެ ކަން އަންގަން ޖެހެ އެވެ. އަދި ކޮމިޓީން ބަލަމުން ގެންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރާ ފަރާތަކުން ވަކީލަކު ހަމަޖައްސަން ބޭނުންވާނަމަ އެމީހަކަށް ވަކީލަކު ހަމަޖެއްސުމަށް ހަތް ދުވަހުގެ ފުރުސަތެއް، ފުރަތަމަ ފަހަރު ނަމަ ދޭންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.