ގާނޫނީ ވަކީލުން ހުށަހެޅުމާއި ބަލައިގަތުމުގައި އަމަލުކުރާގެ ގޮތުގެ އުސޫލެއް ކްރިމިނަލް ކޯޓުން ނެރެފިއެވެ.

އެ އުސޫލުގައިވާގޮތުން އެއީ ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ މިންގަނޑުތަކާއި ހަމަތައް ބަޔާންކޮށް ވަކީލުންނާ ގުޅޭ ކަންކަމުގައި ހަރުދަނާ އުސޫލެއް އެކަށައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ.

އެ އުސޫލުގައި ވަނީ ޖިނާއީ މައްސަލައަކާ ގުޅިގެން ވަކީލަކު ހަމަޖެއްސުމަކީ ދައުވާ ލިބޭ މީހާ ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދައުވާ ލިބޭ މީހާ އަކީ ބަންދުގައި ހުރި މީހެއްކަމުގައިވާނަމަ ތިން ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްތަކަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އެމީހަށް ދޭންޖެހޭނެ ކަމަށް އެ އުސޫލުގައިވެއެވެ. އަދި ބަންދުގައި ނެތް މީހަކު ކަމުގައިވާނަމަ ވަކީލަކު ހަމަޖައްސަން ދެވޭނީ ތިން ދުވަހާއި ހަތް ދުވަހާ ދެމެދުގެ މުއްދަތެއް ކަމަށް ވެސް އެ އުސޫލުގައި ވެއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ވަކީލަކު ހަމަނުޖެއްސުނީ ދައުވާ ލިބޭ ފަރާތުގެ އިޚްތިޔާރުން ބޭރުގައިވާ ކަމެއްގެ ސަބަބުން ކަމުގައިވާނަމަ އެކަމަށް ރިއާޔަތްކޮށް ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް އެމީހަކަށް ދެވިދާނެ ކަމަށެވެ.

ޖިނާއީ މައްސަލައެއްގެ ހުކުމް އިއްވުމާ ހަމައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް ކޯޓުން ދީފައިވާ މުއްދަތުގައި ވަކީލަކު ހަމަނުޖެއްސިކަމުގައި ވިޔަސް ޝަރީއަތްތައް ކުރިއަށްދާނެ ކަމަށް އެ އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

އެ އުސޫލުގައި ވަނީ ޖިނާއީ ބޮޑެތި މައްސަލަތައް ކުރިއަށްގެންދާނީ ދައުވާ ލިބޭ ފަރާތުން ނުވަތަ ދައުލަތުން އައްޔަންކޮށްދޭ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ. އަދި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތުން ވަކީލަކު ހަމަޖެއްސުމާމެދު ދައުލަތުގެ ކަމާބެހޭ އިދާރާއިން ނިންމާފައިވާ ނިންމުން ކަނޑައެޅިފައިވާ މުއްދަތުގައި ކޯޓަށް އަންގާފައިނުވާނަމަ، ވަކީލަކު ހަމަޖެއްސެންދެން އެ މައްސަލަ އަނބުރާ ފޮނުވާލެވޭނެ ކަމަށެވެ.

ގާޒީގެ އެންގުމާ ޚިލާފަށް އަމަލުކުރާނަމަ އެ ވަކީލަކު ވަކާލާތު ކުރާ މައްސަލައިން ވަކިކުރެވޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ހުށަހެޅިފައިވާ މައްސަލައެއްގައި ވަކާލާތު ކުރަމުންދާ ވަކީލަކު ކޯޓުގެ ހުއްދަނެތި ފުރައިގެން ހިނގައްޖެނަމަ އެ މައްސަލައަކުން އެ ވަކީލަކު ވަކިކުރެވޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.