"ޤުރުއާން ކިޔެވުމަށް އަލިމަގެއް"ގެ ނަމުގައި ތަޖުވީދުގެ ހަމަތަކުގެމަތީން ޤުރުއާން ކިޔެވުމަށް އެހީތެރިވެދެވޭ ފޮތެއް މޯލްޑިވްސް ސެންޓަރު ފޯ ޑިވެލޮޕްމެންޓަލް ރިސާޗް (އެމްސީޑީއާރު) އިން ނެރެފި އެވެ.

ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑިރެކްޓަރު އައްޝައިހް އަބްދުލްއަޒީޒު ހުސެއިނާއި އިސްލާމިކް ސްޓަޑީސްގެ ޑީން އައްޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމާއި ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ލެކްޗަރާ އައްޝައިހް އަހުމަދު ސަމީރާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަބްދުއްރަހުމާން ޔޫނުސް އެވެ.

"ޤުރުއާން ކިޔެވުމަށް އަލިމަގެއް" ފޮތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެ ފޮތް ލިޔުއްވި ދެ ބޭފުޅުންގެ ތެރެއިން އެމްސީޑީއާރުގެ ރައީސް އަހުމަދު ސައީދު ވިދާޅުވީ، އެ ފޮތަކީ ރާއްޖޭގެ އިޖްތިމާއީ ފޭރާމުގެ ހާލަތު ދަށްވެފައިވާ ސަބަބުތައް ދެނެގަތުމަށްޓަކައި އެކުލަވާލަންފެށި ދިރާސާއެއްގެ ތެރެއިން ފެނުނު ކަމަކަށް އަލިއަޅުއްވާލައްވާ ލިޔުއްވި ފޮތެއް ކަމަށެވެ.

"މި ފޮތަކީ ދިވެހީންގެ ގިނަބައެއްގެ ޤުރުއާން ކިޔެވުމުގައި އާންމުކޮށް ގިނަ ކުށްތަކެއް ކިޔެމުންދާކަމާ އެ ކިޔެނީ ކުށްތަކެއްކަން ވެސް ކިޔަވަމުންދާ މީހާއަށް ނޭނގޭކަން ފާހަގަ ކުރެވިގެން އެކުލަވާލެވުނު ފޮތެއް. މި ފޮތުގައި ކުށް ކިޔެން އާންމުކޮށް މެދުވެރިވާ ސަބަބުތައް ދެނެގަނެ އެސަބަބުތަކަށް ވަރަށްބޮޑަށް އަމާޒުކުރެވިފައިވާނެ،" ފޮތް ނެރުމުގެ މަގްސަދަށް އަލިއަޅުއްވާލައްވާ ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ކުލަކޮށް 180 ސަފްހާގެ މައްޗަށް އެކުލެވޭ އެ ފޮތުގައި ތަޖްވީދުގެ ބައިތަކާއި އަކުރުތައް އަދާކުރަންޖެހޭ މަޚްރަޖްތަކާއި އަކުރުތަކަށް ދޭންޖެހޭ ސިފަތައް ދިވެހި ބަހުން ކިޔައިދީފައިވާނެ ކަމަށެވެ.

އެމްސީޑީއާރުން ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ އެ ފޮތް ވިއްކަން ހަމަޖެހިފައިވަނީ 300 ރުފިޔާއަށް ކަމަށެވެ. އަދި އެ ފޮތް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން 50،000 ރުފިޔާ އިސްލާމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ "ކޮންމެ ދިވެއްސަކަށް މުސްހަފެއް" ޕްރޮޖެކްޓަށް ހަދިޔާ ކުރައްވާނެކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ.