ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށްޓަކައި 842 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަންމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ، މިއަހަރު ފަށާފައިވާ ނަރުދަމާގެ މަސައްކަތްތަކާއި ކުރިއަށް ހުރި ނަރުދަމާގެ މަސައްކަތްތަކަށް 842 މިލިޔަން ރުފިޔާ ޚަރަދު ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ.

"މިހާރު މި ވަގުތު، ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަތަރު ރަށެއްގައި ކުރެވެމުން އެބަދޭ. އެއީ ހދ. ހަނިމާދޫ އާއި ލ. ގަމާއި އައްޑޫ ސިޓީގެ ހިތަދޫ މެދު ސަރަހައްދު އަދި ގދ. ތިނަދޫ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ ލޯނުގެ ދަށުން ފަސް ރަށެއްގައި ނަރުދަމާ ގެ މަސައްކަތް ފެށޭ އިރު އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ފަންޑުގެ ދަށުން ވެސް ފަސް ރަށެއްގައި ނަރުދަމާގެ މަސައްކަތް ފަށާނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަންނަ އަހަރުގެ ތެރޭގައި އައިޑީބީގެ ލޯނުގެ ދަށުން ފަސް ރަށެއްގައި މަސައްކަތްތަކެއް ކުރަން އެބައޮތް. އެއީ ކ. ހިންމަފުއްޓާއި ތުލުސްދޫ އާއި ހދ. ނޮޅިވަރަމްފަރާއި ޅ. ނައިފަރު އަދި ތ. ވޭމަންޑޫ ގައި ޑިޒައިން ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރެވެމުން މި ދަނީ. އެ މަސައްކަތުގެ އާރުއެފްޓީ ހުށަހަޅަން ބުނެފައި މިހާރު ވާނީ. އަދި މި އަހަރުގެ ތެރޭގައި އޮފިޑް ފަންޑުގެ ދަށުން ފަސް ރަށެއްގައި މަސައްކަތް ކުރެވިގެން ދާނެ. އެއީ ބ. ތުޅާދޫ އާއި ނ. ވެލިދޫ އާއި ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުށި އަދި ގއ. ގައްދޫ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަރުދަމާގެ މަސައްކަތް ފަށަން އުޅޭ 10 ރަށުގެ ތެރެއިން ހަތަރު ރަށެއްގައި ފެނުގެ މަސައްކަތްވެސް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" ...ދެންމެ މިދެންނެވި ރަށްރަށުގެ ތެރެއިން ބ. ތުޅާދޫއާއި ނ. ވެލިދޫ އާއި ރ. ހުޅުދުއްފާރާއި ގއ. ކޮލަމާފުށީގެ ފެނުގެ މަސައްކަތް ކުރެވިގެންދާނެ. މި ހުރިހާ ޕްރޮޖެކްޓަކަށް 842 މިލިއަން ދިވެހި ރުފިޔާ ޚަރަދު ވާނެ،" މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ މަޝްރޫއަށް ޚަރަދުވާ އަދަދަކީ މިހާތަނަށް ފެނާއި ނަރުދަމާ ލުމަށް ޚަރަދުވާ އެންމެ މަތީ އަދަދު ކަމަށެވެ.