29 Oct 2014, 12:47
މީގެ 43 އަހަރު ކުރިން 1971 ވަނަ އަހަރު ، ޕާކިސްތާނުން ވަކިވުމަށް ބަންގްލަދޭޝް އިން ކުރި ހަނގުރާމައިގައި ހިންގި ޖަރީމާތަކެއްގައި ބައިވެރިވެފައިވާކަން ސާބިތުވާ ކަމަށް ކަނޑައަޅައި، ބަންގްލަދޭޝްގެ ޖަމާއަތޭ އިސްލާމީ ބަންގްލަދޭޝް ޕާޓީގެ ލީޑަރު މެރުމަށް އެގައުމުގެ ޓްރައިބިއުނަލަކުން ހުކުމްކޮށްފި އެވެ.
ޕާކިސްތާނުން ވަކިވެ، މިނިވަން ގައުމަކަށް ވުމަށް ބަންގްލަދޭޝްމީހުން ކުރި ހަނގުރާމައިގައި ޕާކިސްތާނާ ބައިވެރިވެގެން ޖަރީމާތައް ހިންގި ކަމަށް ބުނާ މައްސަލަތައް ބެލުމަށް ބަންގްލަދޭޝް ސަރުކާރުން އުފައްދާފައިވާ ޓްރައިބިއުނަލުން، މޫތިރު ރަހުމާން ނިޒާމީ މެރުމަށް ހުކުމް ކުރީ ގަތުލު އާއްމު ހިންގުމާއި ރޭޕްކުރުމާއި އިންސާނީ ހައްގުތަކާ ހިލާފު ޖަރީމާތައް ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.
ބަންގްލަދޭޝް ޕާލަމެންޓްގެ މެމްބަރުކަމާއި މިނިސްޓަރުކަން ވެސް ކުރިން ކޮށްފައިވާ މޫތިރު މެރުމަށް ހުކުމް ކުރުމުން އެގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ހިނގާނެ ކަމަށް ވަނީ ބެލެވިފައެވެ.
ހަނގުރާމައިގެ ކުށްތައް ބެލުމަށް ކަމަށް ބުނެ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚު ހަސީނާގެ ސަރުކާރުން އުފައްދައިގެން އުޅޭ ޓްރައިބިއުނަލަށް ޔޫއެންއާއި ދުނިޔޭގެ ބައެއް ގައުމުތަކުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ނަމަވެސް އެ ޓްރައިބިއުނަލުން ހިންގި ޝަރީއަތަށް ފަހު ބަންގްލަދޭޝްގެ ބައެއް ލީޑަރުންގެ މައްޗަށް މިހާރު ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ. ( ރޮއިޓާސް)