ވޮޝިންގޓަން : ހިތާއި ނާރުތަކުގެ ބަލިތައް ތަޙައްމަލްކުރަންޖެހޭ މީހުން އެމެރިކާގައި ގިނަވެ މިބައްޔަށް ފަރުވާދިނުމަށް ކުރާ ޚަރަދު އެމެރިކާގައި އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް އެމެރިކަން ހާޓް ސޮސައިޓީން ބުނެފިއެވެ. މިސޮސައިޓީގެ ރައީސް ޑޮކްޓަރ ރޮލްފް ސާކޫ ވިދާޅުވިގޮތުގައި ހިތުގެ ބަލިތަކަށް އެމެރިކާގެ ރައްޔިތުންކުރާ ޚަރަދު މިހާރުވަނީ އަހަރަކު 24 ބިލޔަން އެމެރިކާ ޑޮލަރަށް މައްޗަށް ގޮސްފައެވެ.

އެމެރިކާގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުން ހިތާއި ނާރުތަކުގެ ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު އެއްސަބަބަކީ ކާތަކެތީގައި ލޮނު ބޭނުންކުރާ މިންވަރު އިތުރުވުމެވެ. އެމެރިކާގައި ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން 80 އިންސައްތަ ކާބޯތަކެތީގައި ލޮނު ހުންނަނީ މިތަކެތީގައި ލޮނު ހުންނަންޖެހޭ ސިއްހީ މިނަގަނޑަށްވުރެ ދެގުނަ އިތުރަށް ކަމަށް އެމެރިކަން ހާޓް ސޮސައިޓީން ކުރި ސަރވޭތަކުންވަނީ ހާމަވެފައި ކަމަށާއި ސްޓްރޯކް ޖެހުމަށާއި ހިތްހުއްޓުމަށް މަގުފަހިވެ ކިޑްނީގެ ބަލިތަކާއި ލޭމައްޗަށް ދިޔުމުގެ ބަލިތައް ޖެހޭމީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް މިބަލިތައްޖެހެނީ އިތުރަށް ލޮނު ބޭނުން ކުރުމުގެ ސަބަބުން ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ރޮލްފް ވިދާޅުވިއެވެ.

އެމެރިކަން ހާޓް ސޮސައިޓީން ނެރޭ މަޖައްލާ އެއްގައިވާ ރިޕޯޓެއް ބުނާގޮތުން އެމެރިކާ މީހުންގެ ކެއުމުގައި މިހާރު ލޮނު ބޭނުންކުރާ މިންވަރުގެ ތެރެއިންދުވާލަކު 1200 މިލިގްރާމް މަދުކުރެވިއްޖެނަމަ ހިތާއި ނާރުތަކުގެ ބަލިތައްޖެހޭ އެމެރިކާ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަން މަދުކުރެވިދާނެއެވެ. ލޮނު ބޭނުންކުރާ މިންވަރު މަދުކުރެވިއްޖެނަމަ މިބަލިތައްޖެހޭ މީހުންގެ ޢަދަދު 30 ޕަސެންޓަށް ށް ދަށްކުރެވި މިކަމަށް ހިނގާ ޚަރަދުގެ ތެރޭން ތިންބައިކުޅަ އެއްބައި ސަލާމަތް ކުރެވިދާނެ ކަމަށް މިރިޕޯޓްގައި އަންދާޒާ ކޮށްފައިވެއެވެ. -- އަލްޢާލަމް