ރާއްޖެއިން ފަރުވާ ލިބެން ހުންނަ ބައެއް ބަލި ބައްޔަށާއި ރާއްޖޭން ފަރުވާ ނުލިބޭ ބަލިބައްޔަށް ފަރުވާ ހޯދުމަށް އަމިއްލައަށް ދާ މީހުންނަށް، އެކަމުގެ ވަކި ހިސާބަކުން އެހީތެރިވުމަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެހީތެރިވުމަކީ ގަވައިދު ތަކާ ހިލާފު ކަމެއް ކަމަށް އެ އެޖެންސީން މިއަދު ބުނެފި އެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލީ އެހީދޭ ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ އެއްވެސް ގުޅުމެއް ނެތި އަމިއްލައަށް ރާއްޖޭން ބޭރުން ފަރުވާ ހޯދަން ދިއުމަށް ފަހު، ފަރުވާއަށް ހޭދަވި އަގު ހަމަޖައްސައިދިނުން އެދި އެ އެޖެންސީ އަށް ބައެއް މީހުން ހުށަހަޅާ ކަމަށެވެ.

"ރާއްޖެ އިން ފަރުވާލިބެން ހުންނަ ބައެއް ބަލިބައްޔަށާއި އަދި ރާއްޖޭން ފަރުވާ ލިބެން ނުހުންނަ ބައެއް ބަލި ބައްޔަށް ފަރުވާ ހޯއްދެވުމަށް ބޭނުންފުޅުވާ ބައެއް ފަރާތްތަކުން މިފަދަ ކަންކަމުގައި ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ ގުޅުމެއް ނެތި އަމިއްލަފުޅަށް، ރާއްޖޭން ބޭރަށް ވަޑައިގެން ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް މިގޮތަށް ފަރުވާ ހޯއްދަވާ ބައެއް ބޭފުޅުން ބޭސްފަރުވާގެ ވަކި ހިސާބަކުން ނޫނީ ބޭސްފަރުވާ ނިމި ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ހިސާބުން، ކުރެއްވި ބޭސްފަރުވާގެ އަހު ހަމަޖައްސަވައި ދެއްވުން އެދިވަޑައިގެން މި އެޖެންސީ އަށް ހަށަހަޅުއްވަމުން އެބަ ގެންދަވަ އެވެ. ނަމަވެސް މި އެޖެންސީގެ ހުއްދައެއް ނެތި ކުރައްވާ މިފަދަ ބޭސްފަރުވާގެ އަގު އެފަދަ ފަރާތްތަކަށް ހަމަޖައްސައިދިނުމަކީ މި އެޖެންސީގެ ގަވާއިދުތަކާ އަދި އުސޫލުތަކާ ހިލާފު ކަމަކަށް ވާތީ އެވާހަކަ މި ފުރުސަތުގައި ދެންނެވީމެވެ." އެންސްޕާގެ ބަޔާނުގައި ވެއެވެ.