29 Oct 2014, 12:28
"އޮޑިޓް ގާނޫނު" އަށް ހުށަހަޅާފައިވާ އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލް އަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް އިސްލާޙު ހުށަހަޅައިފި އެވެ.
އޮޑިޓް ގަނޫނުގެ ބައެއް މާއްދާތައް އަލަށް އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ ތަޢާރުޒް ވާތީ އެ މާއްދާތައް އިސްލާޙު ކުރުމަށް ސަރުކާރުގެ ފަރާތުން އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އިޖުތިމާއީ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އާ އޮޑިޓާ ޖެނަރަލް އަކު 30 ދުވުގެ ތެރޭގައި އައްޔަން ކުރަން ޖެހޭ ގޮތަށް އިސްލާޙު ހުށަހަޅުއްވީ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް އެވެ.
އޮޑިޓް ގާނޫނަށް ތޯރިގް ހުށަހަޅުއްވާފައި ވަނީ އެ ގާނޫނުގެ ދެ ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރު ކުރުމަށެވެ. އެގޮތުން ތޯރިގް ހުށަހަޅުއްވާފައި ވަނީ އޮޑިޓް ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް ގާނޫނަކަށް ވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ނަމެއް ނުވަތަ ނަން ތަކެއް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ވާނެ ކަމަށެވެ.
ތޯރިގް ހުށަހެޅުއްވި އެ އިސްލާހާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕީއެމް އަށް ނިސްބަތްވާ މެންބަރުން އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ކަަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެންބަރަކު އެފަދަ އިސްލާހެއް އޮޑިޓް ގާނޫނަށް ހުށަހެޅުމުގެ ބޭނުމަކީ މިހާރު އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ނިޔާޒް އިބްރާހީމް މަގާމުން ވަކި ކުރުން ކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތު ކުރެއްވި އެވެ.
އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ އެ އިސްލާހުގެ ބޭނުމަކީ ގާނޫނަށް އިސްލާހު ގެނައުމުގެ ނަމުގައި، މިހާރު އޮޑިޓާ ޖެނަރަލްގެ މަގާމުގައި ހުންނެވި ބޭފުޅާ އެ މަގާމުން ވަކިކުރުން ކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނު އަސާސީ ގައި އޮޑިޓާ ޖެނަރަލް މަގާމުން ވަކި ކުރުމަށް ކަނޑައަޅާފައިވާ އުސޫލު ތަކާއި ހިލާފަށް ހުށަހަޅާފައިވާ އިސްލާހެއް ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު މެންބަރުން އިތުރަށް ވިދާޅުވީ މިހާރު ހުންނެވި އޮޑިޓާ ޖެނަރަލް މަގާމުން ދުރުކުރުމުގެ ބޭނުމަކީ މިހާރުގެ ސަރުކާރުގެ އޮފީސްތައް އޮޑިޓް ކުރާއިރު ސަރުކާރުގެ ބާރު ފޯރުވޭނެ ފަދަ އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުން ކަމަށެވެ. އަދި އެ މެންބަރުން ވިދާޅުވީ ގާނޫނު އަސާސީގައި އޮޑިޓާ ޖެނަރަލްގެ މަގާމުގެ ދައުރުގެ ގޮތުގައި ބަޔާން ކޮށްފައި ވަނީ ހަތް އަހަރު ކަަމަށާއި އެހެން ކަމުން މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަަމަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އޮޑިޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ތަކަކީ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމުން އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ކަމަށެވެ. އަދި ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ކޮމެޓީ ރިޕޯޓަށް ހުށަހަޅާފައިވާ އިސްލާހަށް ވެސް މެންބަރުން ތާއީދުކޮށްދެއްވުމަށް ނިހާން ވަނީ އެދިވަޑައިގެންފަ އެވެ.
އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މަތިވެރި ދާއިރާގެ މެންބަރު ހުސެން މުހައްމަދު ވިދާޅުވީ މިހާރު ހުށަހެޅިފައިވާ އިސްލާހުތައް ގާނޫނަކަށް ވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލް އަކު އައްޔަން ކުރަން ޖެހޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮޑިޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށާއި ކޮމެޓީ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ މިއަދު މެންދު 1:30 ގަ އެވެ.