29 Oct 2014, 12:29
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލުވާން އަބްދުﷲ ހޯދުމުގައި ފުލުހުން ކުރިއަށް ގެންދާ މަސައްކަތުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރިޟުވާންގެ އާއިލާއިން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް މިއަދު ހުށަހަޅައިފި އެވެ.
ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޟުވާންގެ އެއްބަނޑުއެއްބަފާ ދައްތަ މަރިޔަމް ފަޒުނާ ބުނީ އެ މައްސަލަ ޕީއައިސީ އަށް ހުށަހަޅާފައިވަނީ ރިޟުވާން ގެއްލިފައިވާތާ މިއަދަށް 82 ދުވަސް ވެފައިވީނަމަވެސް އޭނާ ހޯދުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް ކުރިއެރުމެއް ލިބިފައިނުވާތީ ކަމަށެވެ.
އެ މައްސަލަ އަށް އެއްވެސް ކުރިއެރުމެއް ނުލިބިގެން އުޅެނީ ފުލުހުންގެ އިހުމާލުން ކަން އާއިލާ އަށް ގަބޫލް ކުރެވޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.
" އަޅުގަނޑުމެން އެގޮތަކަށް [ރިޟުވާން ގެއްލުނު މައްސަލާގައި] އެއްވެސް ފަރާތަކަށް އިނގިލި ދިއްކުރާކަށް ބޭނުމެއް ނޫން. ނަމަވެސް ތަހުގީގަށް ލަސްވުމުގައި އެބޭފުޅުންގެ އިހުމާލެއް ވާ ކަމަށް އަޅުގަނޑުމެން ގަބޫލްކުރަނީ. މިހާތަނަށް އަޅުގަނޑުމެންނަށް އެދެވޭ ޖަވާބެއް ނުލިބިވަނީ އިހުމާލެއް ވާތީ،" ފަޒުނާ ބުންޏެވެ.
އާއިލާ އިން އެ މައްސަލަ ހުށަހެޅިއިރު ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައިފައިވެ އެވެ. އެގޮތުން ރިޟުވާން ގެއްލުމުގެ ކުރިން އޭނާ އަށް އިންޒާރު ދެމުން ގެންދާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ވެސް އޭނާ ހޯދުމުގެ މަސައްކަތް އެދޭ މިންވަރަށް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ރިޟުވާންގެ ދައްތަ ބުންޏެވެ.
ރިޟުވާން ހޯދުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް އާއިލާ އިން ބުނަން ޖެހުނީ ރިޟުވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ކުރިމަތިން ދަންވަރު 2 ޖަހާ އެހާކަންހާއިރު ބަޔަކު މީހުން ވެގެން މީހަކަށް ވަޅިއަކުން ބިރު ދައްކައި ގަދަ ކަމުން ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް އެ މަންޒަރު ދުށް ބަޔަކު ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް އެކަމަށް ހާއްސަ ސަމާލު ކަމެއް ދީފައިނުވާތީ ކަމަށް އާއިލާ އިން ބުންޏެވެ.
އެ ކާރުގައި ގެންދިއީ ކާކުތޯ ހޯދައި ބެލުމަށް އެރެެއިން އެރެއް ފުލުހުން އެ ކާރު ހޯދައި ބަލައި ފާސްކޮށްފައިނުވާ ކަމަށާއި އެ ކާރު ބަލައި ފާސްކުރުމުގެ ހުއްދަ ހުޅުމާލޭގައި އެރޭ ޑިއުޓީ ގައި ތިބި އޮފިޝަރުން އެދުނު ނަމަވެސް އެ ހުއްދަ އެެރޭ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ދީފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އާއިލާ އިން ފާހަގަކޮށްފައިވަނީ ރިޟުވާން ދިރިއުޅޭ އެޕާޓްމަންޓް ފުލުހުން ބަލާ ފާސްކޮށްފައިވަނީ 29 ގަޑިއިރުގެ ފަހުން ކަމުގައިވާތީ އާއި އޭނާ މަސައްކަތް ކުރަމުން އަންނަ މިނިވަން ނިއުސްގެ އޮފީސް ބަލައި ފާސްކޮށްފައިވަނީ އޭނާ ގެއްލިގެން ރިޕޯޓް ކުރިތާ 11 ދުވަސް ފަހުން ކަމަށެވެ. ނަމަވެސް އެ ދެތަނަކީ ރިޟުވާން ގެއްލިގެން އެންމެ ފުރަތަމަ ޗެކްކުރަން ޖެހޭނެ ދެ ތަން ކަމަށް އާއިލާ އިން ދެކޭ ކަމަށް ވެސް ފަޒުނާ ބުންޏެވެ.
ޕީއައިސީ އަށް ހުށަހަޅާފައިވާ އެ މައްސަލަައިގައި ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރިޟުވާން ގެއްލިގެން އާއިލާ އިން ރިޕޯޓް ކުރުމާ ގުޅިގެން އޭނާ އާ ބެހޭ އެއްވެސް މައުލޫމާތު ދިނުމަށް އާއްމުންގެ ކިބައިން އެދިފައިނުވާ ކަމާއި ރިޟުވާން ފެނިއްޖެ ނަމަ ކަން ކުރަންވީ ގޮތް އާއްމުންނަށް ފުލުހުން އަންގާފައިނުވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ. އަދި ރިޟުވާން އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކުރުމަށް ރޭޑިއޯ އިން ނާއި ޓީވީން ގޮވައިދިނުމަށް 16 އޮގަސްޓް 2014 ގައި އާއިލާއިން އެދުނު ނަމަވެސް އެކަންތައް އެގޮތަށް އެވަގުތު ކޮށްދީފައިނުވާ ކަމަށް ވެސް އާއިލާ އިން ބުންޏެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރިޟުވާންގެ ދައްތަ ފާތުމަތު ޝެހެނާޒު މިއަދު ބުނީ ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން މަސައްކަތް ކޮށްފައިވަނީ އާއްމުކޮށް އަމަލްކުރަމުން އަންނަ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަަލަ އާ ގުޅިގެން އަމިއްލަ ޖަމިއްޔާ އަކުން ކޮށްފައިވާ ތަހުގީގު ރިޕޯޓާ ގުޅިގެން ފުލުހުން އާއިލާ މެދު ކަޑައިމީސްކޮށް ދެކޭފަދަ ގޮތަކަށް މުއާމަލާތްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ބައެއް ފަރާތްތަކުން [ރިޟުވާން] ގެ އާއިލާއާ މެދުވެރިކޮށް ސިޔާސީ ބޭނުމުގައި ކަންކަން ކުރާ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާތީ ހިތާމަ ކުރަން. މިއީ ގެއްލިގެން އުޅޭ މީހެއްގެ އާއިލާ އިން އެމީހާ ހޯދުމަށް ކުރާ މަސައްކަތުގައި އިހުތިރާމް ގެއްލުވާލުމަށް ކޮށްފައިވާ ކަމެއް ކަމުގައި ފާހަގަކުރަން،" ޝެހެނާޒު ބުންޏެވެ.
ރިޟުވާން ގެއްލިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ލިބޭ އެއްވެސް މައުލޫމާތެއް ތަހުގީގަށް އާއިލާ އާ ފުލުހުން ހިއްސާކޮށްފައިނުވާ ކަމަށް އާއިލާ އިން ބުންޏެވެ. އަދި އެ މައްސަލައާ ގުޅިގެން މަޖިލީހަށް އާއިލާ އާއި އޭނާގެ ރައްޓެހިންގެ ފަރާތުން ހުށަހެޅި ޕެޓިޝަން މަޖިލީހުން ބޭރުކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުރިއަށް ދިޔަ ކަމެއް ކަމަށް ވެސް އާއިލާ އިން ބުންޏެވެ.