މުއާސަލާތީ ހިދުމަތްދޭ ކުންފުނި، އުރީދޫ މޯލްޑިވްސް އިން ރާސްޓަސް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ރާސްޓަށް ޑީލަރުން މެދުވެރިކޮށް މޮބައިލް ބިލަށް މިއަދުން ފެށިގެން ފައިސާ ދެއްކޭނެ ކަމަށެވެ.

އެގޮތުން މޮބައިލް ނަމްބަރާއި ބިލަށް ދައްކަން ޖެހޭ ފައިސާ ދިނުމުން ރާސްޓަސް ހިދުމަތްދޭ ފަރާތް މެދުވެރިކޮށް ވަގުތުން ބިލަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫގެ ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތްލިބޭނެ ގޮތް ފަހިކުރަން މަސައްކަތް ކުރާ ކަމަށާއި ރާސްޓަސް މެދުވެރިކޮށް މިހާރު ޕްރީޕެއިޑް ރީޗާޖް ކުރާ ފަދައިން ބިލަށް ފައިސާ ވެސް ދެއްކޭނެ ކަމަށެވެ.

އެ ހިދުމަތް މިހާރު އަތޮޅުތެރޭގައި ތިބޭ އުރީދޫގެ ހުރިހާ ރާސްޓަސް ޑީލަރުން މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އޭގެ އިތުރުން އޮންލައިންކޮށް އުރީދޫގެ ވެބްސައިޓް my.ooredoo.mv އާއި އުރީދޫގެ ފިހާރަތަކުގެ އިތުރުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް އުރީދޫގެ ބިލްތަކަށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.