29 Oct 2014, 11:21
މިިދިޔަ އީދު ބަންދަށް ފަހު ވީނުވީއެއް ނޭނގި ރ. މަޑުއްވަރީން ގެއްލިގެން އާއިލާ އިން ހޯދަމުން އަންނަ އެރަށު، ހުސެއިން ޝިޔާދު،23، މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖެއިން ބޭރަށް ދިއުމަށް ފުރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
މަޑުއްވަރި ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ތަސްލީމް މިއަދު "ސަން" އަށް ވިދާޅުވީ، ހުސެއިން ޝިޔާދު ގެއްލިގެން އެރަށު ކައުންސިލަށް އާއިލާ އިން ހުށަހެޅުމާ ގުޅިގެން އޭނާއާ ބެހޭ މައުލޫމާތު ހޯދުމަށް ފުލުހުންގެ އިދާރާގެ އިތުރުން އިމިގްރޭޝަންގައި ވެސް އެދިފައިވާނެ ކަމަށެވެ. އަދި އޭނާ މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖެއިން ބޭރަށް ދިޔަ ކަން އެނގުނީ އިމިގްރޭޝަނުން އެ ކައުންސިލަށް އެންގުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑުމެން އިމިގްރޭޭޝަނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އިމިގްރޭޝަނުން ބުނީ އޭނާ މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް. ނަމަވެސް އަޅުގަނޑުމެންނަށް އޭނާ ދިޔައީ ކޮން ގައުމަކަށް ކަމަށް އަދި އެނގިފައެއް ނެތް،" ތަސްލީމް ވިދާޅުވި އެވެ.
ހުސެއިން ޝިޔާދަކީ ރ. މީދޫ އިން "ޖިހާދަށް" ކަމަށް ބުނެ ސީރިއާއަށް ދިޔަ ކަމަށް ބުނާ މީދޫ އާއިލާއާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް އޭނާގެ ބައްޕައާ ހަވާލާދީ މަޑުއްވަރީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އޭނާ ވެސް އެ އާއިލާ އާ އެކު ޖިހާދަށް ދިޔައީ ކަމަށް ވެދާނެ ކަމަށް އޭނާގެ ބައްޕަ ވަނީ ބުނެފަ އެވެ.
މީދޫ، ސިލްވަމޫންގޭ އާއިލާގެ ތިން މެމްބަރަކު ކުޑަ ކުއްޖަކާ އެކު ތުރުކީއަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އާއިލާ ރާއްޖެއިން ބޭރަށް ދިޔަ ކަމަށް ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ކަމަށްވެ އެވެ.