ކ. ކާށިދޫ އިން މީހުން ގޮވައިގެން އެއަތޮޅު ގާފަރަށް ދިޔަ ފެރީއެއް ގިރިއަކަށް އަރައިފި އެވެ.

ގާފަރުގައި މިވަގުތު ހުރި ސަންގެ ޖާނަލިސްޓް މުރުޝިދު އަބުދުލް ހަކީމް ބުނީ، އެހާދިސާގައި ފެރީން ދަތުރު ކުރި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށާއި އަދި ފެރީއަށް ވެސް ގެއްލުމެއް ވެފައިނުވާ ކަމަށެވެ.

ފެރީގެ ކައްޕިއާ ހަވާލާދީ މުރުޝިދު ބުނީ، ކާށިދޫން މީހުން އަރުވައިގެން ގާފަރަށް ދިޔަ ފެރީ ގިރިއަކަށް އެރީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށެވެ.

ގާފަރު ފަޅުތެރޭގައި އޮންނަ ގިރިއަށް ފެރީ އަރާފައިވަނީ ފަޅުތެރެއިން ވަދެގެން އައިއިރު އޮޅުމެއް އަރައިގެން ކަމަށް ކައްޕި ބުނެފައިވާ ކަމަށް ވެސް މުރުޝިދު ބުންޏެވެ. އަދި ފެރީ ފުންކޮށްފައިވަނީ ގާފަރަށް ތެޔޮ ހިފައިގެން ގޮސްފައި އޮތް ސްޓެލްކޯގެ ބޯޓަކުން ކަމަށް ވެސް މުރުޝިދު ބުންޏެވެ.

އޭނާ ބުނީ، ފެރީ ފަރަށް އެރުމާ ގުޅިގެން މިއަދު ހެނދުނު 9:15 ގައި ކުރަން އޮތް ދަތުރު 11:00 އަށް ބަދަލު ކޮށްފައިވާ ކަމަށެވެ.