ރާއްޖޭގައި ސިޔާސީ ހަމަހަމަކަން ގާއިމްކުރުމުގެ ޒިންމާ ނަގަން، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް މަޖުބޫރުވެފައިވާ ކަމަށް އެ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.

ސަން ޓީވީން ރޭ ގެނެސްދިން "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކާނަލް ވިދާޅުވީ، ރާއްޖޭގައި ހަމައެކަނި އޮތީ ސަރުކާރު ހިންގާ ޕީޕީއެމް އާއި އިދިކޮޅު އެމްޑީޕީގެ ފިކުރު ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޑީއާރުޕީގެ ބޮޑު ޒިންމާއެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި އޮތީ ހަމައެކަނި އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ކަމަށް ގަބޫލެއް ނުކުރަން. އެ ފިކުރު މާދަމާވެސް ބަދަލުވެގެން ހިނގައިދާނެ. ފިކުރެއްގެ ވަށައިގެން އޮތް ހަމައެކަނި ޕާޓީއަކީ ޑީއާރުޕީ. ރާއްޖޭގެ ސިޔާސީ ހަމަހަމަ ކުރާނެ ޕާޓީއެއް ބޭނުންވޭ. ޑީއާރުޕީން އެ ޒިންމާ ނަގަން ވަނީ މަޖުބޫރުވެފައި،"ކާނަލް ވިދާޅުވި އެވެ.

ކާނަލް ވިދާޅުވީ، ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ކެމްޕޭނަށް ބައެއް މީޑިއާ ސްޓޭޝަންތައް ހުރި ނަމަވެސް އެ ފުރުސަތު ޑީއާރުޕީއަށް ނެތް ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާ ކުރިމަތިލާއިރު، އެ ޕާޓީއަކީ ރަނގަޅު ބޮޑު ޕާޓީ އަކަށް ހެދުމަކީ އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުނގަޑުމެންގެ ޕާޓީން ކުރަންޖެހޭ މަސައްކަތަށް އިތުރު އެފަޓެއް ލާން އެބަ ޖެހޭ. އެހެން ޕާޓީތަކުން ޕްރޮޕެގެންޑާ މެޝިންތަކެއް މިހުރީ ތައްޔާރުކުރެވިފަ. އެ މެޝިންތައް މެދުވެރިކޮށް އެބޭފުޅުން ދެއްވަން ބޭނުންވާ މެސެޖް އެގެންދަނީ ދެއްވަމުން. ކުރިމަގުގައި ޑީއާރުޕީގެ ޗެނަލް ހުންނާނެ. އޮންލައިން ނޫސްތައް ވެސް ހުންނާނެ،" ކާނަލް ވިދާޅުވި އެވެ.

ޑީއާރުޕީއާ ހަވާލުވި އިރު ޕާޓީ އޮތީ "ފުނޑުފުނޑު" ވެފައި ކަމަށް އިޝާރާތްކުރައްވައި ކާނަލް ވިދާޅުވީ، އެކަމުން އަރައިގަތުމަށް މަސައްކަތްތަކެއް ކޮށް، އެ ޕާޓީން ދައްކަން ހުރި ލޯންތައް ވެސް އަދާކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕާޓީން ވަކިވެގެންދާ މީހުންގެ އަދަދު މަދުވެ، މަދުމަދުން މީހުން ވަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ވަކި ބޭފުޅަކަށް ތާއީދުކުރާތީ އެ ޕާޓީއާ ގުޅިގެން ތިބި ހުރިހާ ބޭފުޅުން ޕާޓީން ވަކިވުމަށް ކާނަލް ގޮވާލެއްވި އެވެ.

ޕާޓީގެ ވިސްނުމަށާއި ހިންގުމަށް ގެނެވޭ ބަދަލުތަކެއްގެ ސަބަބުން ރަނގަޅު މުސްތަގްބަލެއް އޮތް ކަމަށް ގަބޫލުފުޅުކުރައްވާ ކަަމަށް ފާހަގަކުރައްވައި ކާނަލް އޭނާ ވިދާޅުވީ، އެ ޕާޓީގެ ގައުމީ ޖަލްސާގައި އަލަށް އެޕާޓީއާ ބޭފުޅުންތަކެއް ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުނގަޑުމެންގެ ޕާޓީއަށް ހިތްހަމަޖެހޭ ބައެއް ބޭބޭފުޅުން ގުޅިވަޑައިގެންފި. އަދި ބައެއް އާއިލާތަކުގެ ބޭބޭފުޅުން ގުޅިވަޑައިގަންނަވަމުން އެބަ ގެންދަވާ. މިދެންނެވި ބައެއް އާއިލާތަކަކީ ރައްޔިތުންގެ ލޯބި މިލްކުކޮށްފައިވާ ބައެއް ބޭބޭފުޅުން. ޕާޓީގެ ތަސައްވަރު ވަރަށް ރަނގަޅުވެގެންދާނެ ކަމަށް ގަބޫލުކުރެވޭ،" ޑީއާރުޕީގެ ލީޑަރު ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ކާނަލް ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި ބޮޑެތި މެގަ ޕްރޮޖެކްޓް ތަކެއް އަދި ފެށިފައި ނުވި ނަމަވެސް މިހާތަނަށް ކުރެއްވިފައިވާ ކަންކަން ޕޮޒިޓިވް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޑޮލަރުގެ ކަޅު ބާޒާރު މިހާރު ވަނީ ނައްތައިލެވިފައި ކަމަށާއި ގައުމުގައި ކުރީން އޮތް ފަދަ ހަލަބޮލިކަމެއް ވެސް މިހާރު ނެތްކަން ކާނަލް ފާހަގަކުރެއްވި އެވެ.