25 Jan 2011, 20:09
ވޮޝިންޓަން : އެމެރިކާގެ ޢަސްކަރީ ސިއްރުތަކެއް ޗައިނާއަށް ވިއްކިކަމުގެ ކުށް ސާބިތުވެގެން އެމެރިކާގެ ރައްޔިތަކު 32 އަހަރަށް ޖަލަށް ލުމަށް އެމެރިކާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
މިޙުކުމް އިއްވި ހަވާއިގެ ދަށުކޯޓް ބުނާގޮތުން، ނުޝީރް ގުވާޑިޔާ ނަމަކަށް ކިޔާ އިންޑިޔާ ދަރިކޮޅުގެ މިމީހާ ޗައިނާއަށް ވިއްކި އެމެރިކާގެ ޢަސްކަރީ ސިއްރު މަޢްލޫމާތާއި ޓެކްނޮލޮޖީގެ އަލީގައި ޗައިނާއަށްވަނީ ރާޑަރަށް ނާރާ ބާވަތުގެ ބެލަސްޓިކް މިސައިލެއް އުފެއްދުމުގެ ފަންނީ ޤާބިލްކަން ހޯދާފައެވެ. އަދި މިމަޢްލޫމާތާ ގުޅިގެން ޗައިނާވަނީ މިބާވަތުގެ މިސައިލެއް ފަރުމާވެސް ކޮށްފައެވެ.
މި މަޢްލޫމާތުތައް ޗައިނާއަށް ފޯރުކޮށްދިނުމުން ގުވާޑިޔާ އަށް ޗައިނާގެ ފަރާތުން 110 ހާސް ޑޮލަރު ލިބިފައިވާ ކަމަށާއި މިފައިސާ ބޭނުންކޮށްގެން އޭނާ ވަރަށް ލަގްޒަރީ ގެއެއް ގަނެފައިވާ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ. ކޯޓުން ގުވާޑިޔާ ގެ މައްޗަށް އިއްވި ޙުކުމްގައި، އެމެރިކާގެ ޢަސްކަރީ އަދި ޓެކްނޮލޮޖީގެ ސިއްރުތައް ރައްކާތެރިކުރުމަށް އޭނާ ކޮށްފައިިވާ ހުވައާ ޚިލާފްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާ ސަރުކާރުންވަނީ މިޙުކުމާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. ސަބަބަކީ އޭނާގެ މައްޗަށް ޢުމުރަށް ޖަލަށް ލުމުގެ ޙުކުމެއް ނައުމުންނެވެ. ގުވާޑިޔާ އަކީ މަތީފެންވަރުގެ އިންޖިނޭރެކެވެ. އޭނާއަކީ އެމެރިކާގައި އުފައްދާ މިސައިލާއި ޢަސްކަރީ މަތިންދާބޯޓުގެ ޓެކްނޮލޮޖީގައި ވަރަށް ބޮޑު ތަޖްރިބާ ތަކެއް ޙާސިލްކޮށްފައިވާ މޮޅު އިންޖިނޭރެކެވެ.