ވޮޝިންޓަން (އޮކްޓޯބަރު 29): ގުއަންޓެނާމޯ ޖަލާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެމެރިކާ ގާއިމްކުރި ސިއްރު ޖަލުތަކުގައި ޝަރީއަތަކާ ނުލައި އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރުމަށްފަހު އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އެމެރިކާއިން ހިންގި މައްސަލައިގެ ހަގީގަތްތައް ހާމަކުރުމަށް ސުލްހައިގެ ނޮބެލް އިނާމު ލިބިފައިވާ ފަރާތްތަކުން އެމެރިކާ ސަރުކާރަށް ގޮވާލައިފި އެވެ.

ސުލްހައިގެ ނޮބެލް އިނާމު ލިބިފައިވާ 12 ބޭފުޅަކު އެމެރިކާ ސަރުކާރަށް ގޮވާލައި ނެރުއްވި ބަޔާނުގައި، ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށްފަހު ޓެރަރިސްޓުން ކަމަށް ސިފަކޮށް ޝަރީއަތަކާ ނުލައި އެމެރިކާއިން ހައްޔަރުކުރި އަސީރުންނާ ދެކޮޅަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ހިންގާފައިވާ އަނިޔާވެރި އަމަލުތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާބެހޭ މައްލޫމާތު ހާމަ ކުރުމަށް އެމެރިކާ ސަރުކާރުގެ ކިބައިން އެދިފައިވެއެވެ.

މި 12 ބޭފުޅުން ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 11 ގެ ޙަމަލާތަކާ ގުޅިގެން ހައްޔަރުކުރި އަސީރުންގެ ކިބައިން ގަދަކަމުން އިއުތިރާފްތައް ހޯދުމަށްޓަކައި އެމީހުންނަށް އަނިޔާކުރުމަށް އެމެރިކާ ބޭނުންކުރި ވަސީލަތްތައް ހާމަކުރަންޖެހޭ ކަމަށާ އެއީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ލަދެއް ކަމުގައެވެ.

ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށްފަހު ޓެރަރިސްޓުން ކަމަށް ސިފަކޮށް ޝަރީއަތަކާ ނުލައި އެތައް ސަތޭކަ ބަޔަކު ގުއަންޓެނާމޯ ޖަލާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެދުވަސްވަރު އެމެރިކާ ގާއިމްކުރި ސިއްރުޖަލުތަކުގައި ހައްޔަރުކުރުމަށްފަހު އިންސާނިއްޔަތާ ޚިލާފު ބޮޑެތި އަނިޔާތަކެއް ފުޅާދާއިރާއެއްގައި އެމީހުންނާ ދެކޮޅަށް އެމެރިކާ ސަރުކާރުން ހިންގާފައިވާ ކަމަށް ރައީސް ބަރަކް އޮބާމާވެސްވަނީ އެއްބަސްވެ ވަޑައިގެންފައެވެ. އަދި އަސީރުންގެ ކިބައިން އެމެރިކާ ބޭނުންވާ އިޢުތިރާފްތައް ހޯދުމަށްޓަކައި އެމީހުނަށް ފުޅާދާއިރާއެއްގައި އަނިޔާކުރުމުގެ ހުއްދަ އެމެރިކާ ސަރުކާރުން ސީއައިއޭއަށް ދިން ކަމަށް ރައީސް ބަރަކް އޮބާމާވެސް ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

ޝަރީއަތަކާނުލައި އަދި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާވެސް މުޅިން ޚިލާފަށް ގަދަކަމުން އިއުތިރާފްތައް ހޯދުމަށްޓަކައި ގުއަންޓެނާމޯ ޖަލާއި އެނޫންވެސް އެމެރިކާގެ ސިއްރު ޖަލުތަކުގައި އަސީރުންނާ ދެކޮޅަށް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އިން ހިންގާފައިވާ އަނިޔާތަކާބެހޭގޮތުން ކޮންގްރެސްއިން ރިޕޯޓެއް ތައްޔާރުކޮށްފައިވެ އެވެ. އެއީ އެމެރިކާގެ ގައުމީ ސަލާމަތާގުޅޭ މައްސަލައެއް ކަމަށް ބުނެ އެމެރިކާ ސަރުކާރުންވަނީ އެ ރިޕޯޓް ސިއްރުކޮށްފައެވެ.

ގުއަންޓެނާމޯ ޖަލާއި އެނޫންވެސް އެމެރިކާގެ ސިއްރު ޖަލުތަކުގައި ޝަރީޢަތަކާނުލައި އެމެރިކާއިން ހައްޔަރުކޮށްފައިވާ އަސީރުންނާ ދެކޮޅަށް ސީއައިއޭ އިން ހިންގާފައިވާ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި ފެނުގެ އަޑިއަށް ގަންބައިގެން ހިފަހައްޓައި ހާސްކުރުވުމާއި، ކުއްތާ ބޭނުންކޮށްގެން ބިރުދެއްކުމާއި ބަރަހަނާކުރުމާއި ނިދުމުން މަޙްރޫމް ކުރުވުމާއި ކަރަންޓް ޖެއްސުންފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިމެނޭކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކޮށްފައިވެއެވެ. އަދި މި ޖަރީމާތައް ހިންގި ކަމަށް ޚުދު އެމެރިކާވެސް އެއްބަސްވެފައިވެއެވެ.

ސެޕްޓެމްބަރު 11 ގެ ޙަމަލާތަކަށްފަހު ދުނިޔޭގެ އެކިގައުމުތަކުން އަސީރުންގެ ގޮތުގައި އެމެރިކާއިން ހައްޔަރުކުރި މީހުންނާ ދެކޮޅަށް މި އަނިޔާތައް ހިންގުމުގެ ހުއްދަ ސީއައިއޭއަށް ދީފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާގެ އޭރުގެ ދިފާއީ ވަޒީރެއް ކަމަށްވާ ޑޮނަލްޑް ރަމްސްފެލްޑް އާއި އެމެރިކާ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ސަރުކާރުން އަސީރުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން ބުޝް އާއި އޭނާގެ ސަރުކާރުގެ އިސް މަސްއޫލުވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މުސްތަގިއްލު ބައެއް ފަރާތްތަކުން ގޮވާލާފައި ވީނަމަވެސް އެބޭފުޅުންނަށްވަނީ ޝަރީއަތަށް ފިލުމުގެ ފުރުސަތު ލިބިވަޑައިގެންފައެވެ. (ނޫސްއެޖެންސީތައް)