އެޑިސް އަބާބާ (އޮކްޓޯބަރ 29): ބޭހެއް ހޯދިފައިނުވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ އާ ހަނގުރާމަ ކުރުމަށްޓަކައި، ސިއްޙީ ދާއިރާތަކުގެ ތަޖްރިބާ ލިބިފައިވާ ވޮލަންޓިއަރުން ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ސިއްޙީ ދާއިރާތަކާ ގުޅުމަށް ވޯލްޑް ބޭންކުން ގޮވާލައިފި އެވެ.

ވޯލްޑް ބޭންކުގެ ރައީސް ޑރ. ޖިމް ޔޮންގް ކިމް ވިދާޅުވީ، އެބޯލާ ކޮންޓްރޯލް ނުކުރެވިއްޖެނަމަ ވަރަށް ހިތި ތަޖްރިބާއެއް ދުނިޔޭގެ ރައްޔިތުން ކުރަންޖެހިދާނެ ކަމަށާ އެބަލި ފެތުރެމުންދާ ހުޅަނގު އެފްރިކާގެ ގައުމުތަކުގައި އެބަލީގެ ވައިރަސް ކޮންޓްރޯލް ކުރެވިގެން ނޫނީ ދުނިޔޭގެ ފެންވަރުގައި އެބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމުގައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންއާއެކު އިތިއޮޕިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެޑިސްއަބާބާގައި ދެއްވި ބަޔާނެއްގައި ޖިމް ވިދާޅުވީ، ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ލައިބީރިޔާ، ގިނީ، އަދި ސިއެރަލިޔޯންގައި އެބޯލާ ވައިރަސް ކޮންޓްރޯލްކޮށް އެބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި ޑޮކްޓަރުން މަދުވުމުގެ މައްސަލަ ހިމެނޭ ކަމުގައެވެ. އެހެންކަމުން އެ ގައުމުތަކުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނެ ފަސް ހާސް ޑޮކްޓަރުން ބޭނުންވާކަމަށާ ނަމަވެސް ނުރައްކާތެރި މާހައުލެއްގައި މަސައްކަތްކުރާނެ ގިނަ އަދަދެއްގެ ޑޮކްޓަރުން ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެ ޖިމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެބޯލާ ބަލިޖެހިފައިވާ މީހުންނަށް ހޭހަންކުރަން އުޅުމުގެ ތެރޭގައި އެބަލި ޖެހިގެން ސިއެރަލިޔޯންގެ ވަރަށް ތަޖްރިބާކާރު މޮޅު ޑޮކްޓަރަކުވަނީ މަރުވެފައެވެ. އަދި ލައިބިރިޔާގައި ވެސް މިބަލި ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ހަރަކާތްތެރިވި ދެ ޑޮކްޓަރުން އެބަލިޖެހުމުގެ ސަބަބުން މަރުވެފައިވެއެވެ. ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ލައިބީރިޔާ، ގިނީ، އަދި ސިއެރަލިޔޯންގައި އެބޯލާ ކޮންޓްރޯލް ކުރުންވަނީ އެގައުމުތަކުގެ ސަރުކާރުތަކުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށްވެސް ބޮޑު ގޮންޖެހުމަކަށް ވެފައެވެ.

އެބޯލާ ޖެހިގެން މިހާތަނަށް ފަސް ހާސްމީހުން މަރުވެފައިވާއިރު އެ ބަލީގެ ވައިރަސް 10 ހާސްމީހުންގެ ގަޔަށް ވާސިލް ވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެއެވެ. ވޯލްޑް ބޭންކުންވަނީ އެބޯލާއާ ހަނގުރާމަ ކުރުމަށްޓަކައި ލައިބީރިޔާ، ގިނީ، އަދި ސިއެރަލިޔޯން އަށް މާލީ ބޮޑު އެހީއެއް ދިނުމަށް ނިންމާފައެވެ. މި އެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެ ތިން ގައުމުގެ ސިއްޙީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކަމަށް ޚަބަރު ލިބެއެވެ. (ރޮއިޓާސް)