28 Oct 2014, 22:48
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މޫނުނިވާކޮށްގެން ތިބި ބަޔަކު ފިލިތެޔޮ އައިލެންޑް ރިސޯޓަށް އަރައި އެތަނުގެ ދެ މުވައްޒަފަކަށް ބިރުދައްކައި އެ ދެ މީހުން ބަނދެ، ރިސޯޓުން ވަގަށް ގެންދިޔަ ތިޖޫރީގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ވަގަށް ނެގި ތިޖޫރިއާ ކުރިން ހަވާލުވެ ހުންނެވި ފިލިތެޔޮ އައިލެންޑް ރިސޯޓުގެ އިބްރާހީމް ރަޝީދު މިރޭ "ސަން" އަށް ވިދާޅުވީ ވަގަށް ތިޖޫރީ ވަގަށް ނެގިއިރު މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހުރިކަން އެނގުނީ ފުލުހުންގެ ތަހުގީގުން ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 3:20 އެހައިކަންހާއިރު ތިޖޫރި ވަގަށް ނަގާފައި ވަނީ އެ ރިސޯޓުގެ ނައިޓް އޮޑިޓަރާއި ރިސެޕްޝަނިސްޓު ބަނުމަށްފަހު ކަމަށެވެ.
ފުލުހުންގެ ތަހުގީގުން މިހާތަނަށް އެކަމުގައި ތުހުމަތު ކުރެވޭ މީހަކު ހޯދިފައި ނުވާ ކަމަށާއި ތިޖޫރި ހުރި ތަނުގައި ސީސީޓީވީ ކެމެރާއެއް ވެސް ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާ ހިނގި ވަގުތު ރިސޯޓުގައި ދެ ސެކިއުރިޓީން ތިބި ކަމަށާއި އެ ދެ މީހުންނަކީ ވެސް ބިދޭސީން ކަމަށެވެ. ނަމަވެސް އެ އިން އެއްވެސް މީހަކަށް ތިޖޫރި ވަގަށް ގެންދިޔަ މަންޒަރު ފެނިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ތިޖޫރީ ހޯދުމަށް ފިލިތެޔޮ ރިސޯޓާއި ރިސޯޓް ކައިރީގައިވާ ފަޅުރަށްތަކުގެ އިތުރުން މީހުން ދިރިއުޅޭ ރަށްތައް ބަލައި ފާސްކުރަމުން އަންނަ ކަމަށެވެ.