އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން އެންމެ ގައުމަކަށް ނުބެލެހެއްޓޭނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާ އާއި ސްރީލަންކާގެ ސިފައިން ގުޅިގެން ހިންގާ "ދޯސްތީ12" އެކްސަސައިޒް ފެށުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމު ވިދާޅުވީ ކިތަންމެ ބާރު ގަދަޔަސް އެއް ގައުމަކަށް އެކަނި ސަލާމަތީ ކަންތައްތައް ބެލެހެއްޓޭނެ ކަމަށް ބެލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"...މިއަދުގެ ގްލޯބަލައިޒް ވެފައިވާ މާހައުލުގައި އެއްވެސް ގައުމަކަށް އެކަނި އެ ގައުމެއްގެ ދިފާއީ ހުރިހާ ކަމެއް ނުކުރެވޭނެ ކަމީ ސިއްރެއް ނޫން. މިކަން މިގޮތަށް އޮތް އިރު، އިންޑިއާކަނޑުގެ ސަލާމަތީ ކަންކަން އެންމެ ގައުމަކަށް، އެއީ ކިތަންމެ ބާރު ގަދަ ގައުމަކަށް ވިޔަސް، އެކަނި ބެލެހެއްޓޭނެ ކަމަށް ބެލުމަކީ ރަނގަޅުކަމެއް ނޫން،" މިނިސްޓަރު ނާޒިމު ވިދާޅުވި އެވެ.

އިންޑިއާ ކަނޑަކީ ގިނަ އަދަދެއްގެ މުދާ އުފުލާ ގިނަ މަގުތަކެއް އޮތް ސަރަހައްދަކަށް ވާތީ އެ މަގުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ އިޖުމާލީ ގޮތެއްގައި އެންމެންގެ ޒިންމާއެއް ކަމަށެވެ.

ދޯސްތީ 12 ފެށުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ރާޖީވް ޝަހާރޭ އާއި ސްރީލަންކާ ސަފީރާއި ތިން ގައުމުގެ ކޯސްޓްގާޑްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެއާއި އިންޑިއާ ގުޅިގެން 1991 ވަނަ އަހަރު ބާއްވަން ފެށި އެ އެކްސަސައިޒްތަކުގައި ސްރީލަންކާ ބައިވެރިކުރަން ފެށީ 2012 ވަނަ އަހަރު އެވެ. އެ އެކްސަސައިޒްތަކުގެ ބޭނުމަކީ ތިން ގައުމުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތް ދަސްކުރުމެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނީ މިފަހަރުގެ އެކްސަސައިޒްގައި ސްރީލަންކާ ކޯސްޓްގާޑް މަނަވަރަކާއި އިންޑިއާ ކޯސްޓްގާޑްގެ ދެ މަނަވަރާއި ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓެއް ބައިވެރިވާނެ ކަމަށެވެ.