އަންނަ އަހަރު ތަންފީޒުކުރަން ފަށާ ގައުމީ އާ މަންހަޖުގައި މިއުޒިކާއި ނެށުން މަޖުބޫރު ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމު އެގޮތަށް ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓުގައި މިނިސްޓަރު ވަނީ މުގައްރަރުގައި ނެށުމާއި މިއުޒިކް މަޖުބޫރު މާއްދާ އެއްގެ ގޮތުގައި ނުހިމެނުއްވުމަށް ރައީސް ޔާމީން ނިންމެވުން އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިއުޒިކާ ނެށުން މަޖުބޫރު ނުކުރާން ރައީސް ޔާމީން ނިންމަވާފައިވާއިރު، މަންހަޖުގައި ހުރި ދީނާ ފުށުއަރާ ކަންކަން ފާހަގަކޮށް ސަލަފު ޖަމިއްޔާއިން މިއަދު ވަނީ އެމަނިކުފާނަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އަންނަ އަހަރު އަމަލު ކުރާ ފަށާ ތައުލީމީ އާ މަންހަޖުގައި މިއުޒިކާއި ނެށުން ހިމެނޭ ކަމަށް އަޑުފެތުރިގެން ދިޔައީ ސްކޫލްތަކުގައި މިހާރު ކިޔަވައި ދެމުންދާ ޕްރެކްޓިކަލް އާޓް (ޕީއޭ)ގެ ކްލާސްތަކުގައި ކުރިއަށް ގެންދާ މިއުޒިކާއި ނެށުން އާ މަންހަޖުގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައި ވުމުންނެވެ.

ތައުލީމީ އާ މަންހަޖުގައި ބުނެފައިވާ ގޮތުން އިލްމާއި ހިލްމު ދަރިވަރުންނަށް އުނގަންނައިދިނުމަށް ޑްރާމާ އާއި މިއުޒިކާއި ނެށުން ކުރިއަށް ގެންދާނީ "ކްރިއޭޓިވް އާޓްސް"ގެ ނަމުގައި ފަށާ މާއްދާއެއްގެ ދަށުންނެވެ. އެ މާއްދާއަކީ ޕީއޭ މާއްދާގެ ބަދަލުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާއްދާއެކެވެ.

އެ ސިލަބަހުގެ ދަށުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް އަށަކާ ހަމައަށް ތައުލީމް އުނގެނޭ ދަރިވަރުންނަށް އެ މާއްދާ ކިޔަވައި ދޭންޖެހެ އެވެ. ޕްރެކްޓިކަލް އާޓް (ޕީއޭ) ކުރިން ކިޔަވައިދެމުންދިޔައީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހަތަކާ ހިސާބަކަށެވެ.