28 Oct 2014, 17:19
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޑީސެލިނޭޝަން ޕްލާންޓެއް ބެހެއްޓުމަށާއި ށ. ބިލެތްފަހި ހެލްތު ސެންޓަރު މާރާމާތު ކުރުމަށް ދެ ފެރާތަކާއެކު އެއްބަސް ވުމެއްގައި ހެލްތު މިނިސްޓްރީން ސޮއިކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ދެ އެއްބަސްވުމުގައި ވެސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ.
އެގޮތުން ބިލެތްފަހި ހެލްތު ސެންޓަރު މާރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ އެ އަތޮޅު ފުނަދޫ ރޯޝަނީގެ، އަބުދުލް ގަފޫރު އާދަމާއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 20 ޓަނުގެ ޑީސަލިނޭޝަން ޕްލާންޓެއް ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އިސްމާއިލް ރަޝީދެވެ.
އުނގޫފާރު ހޮސްޕިޓަލުގައި ޑީސަލިނޭޝަން ޕްލާންޓެއް ބަހައްޓަން ނިންމާފައިވަނީ އެ ހޮސްޕިޓަލު ހިމެނޭ ސަރަހައްދުގެ ފެން ވަރަށް ބޮޑަށް ތަޣައްޔަރުވެ އިންސާނުން ބޭނުންކުރަން ކަމުނުދާ ވަރުވެފައި ވުމުން ކަމަށް ހެލްތުން ބުނެ އެވެ.
ދުވާލަކު 20 ޓަނުގެ މީރުފެން އުފައްދާ ޕްލާންޓެއް ބަހައްޓަނީ އުނގޫފާރު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެން ހޯދުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްގެން ބަހައްޓާ އެ ޕްލާންޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 70 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.
ބިލެތްފަހި ހެލްތު ސެންޓަރުގެ ފާހާނާތަކާއި އިމާރާތުގެ އެތެރޭގެ ސީލިންގާއި އެ އިމާރާތުގެ ދިޔަދޮތްވާއި ނަލަފިލާ ބަދަލު ކުރުމުގެ އިތުރުން އިމާރާތުގައި އަޅާފައިވާ ރެނދުތައް މަރާމާތު ކުރުމާއި ކަރަންޓް މައްސަލަތައް ހައްލުކޮށް އިމާރާތުގައި ކުރަން ހުރި އެނޫން ވެސް މަރާމާތުތައް ކުރުމަށް އަބްދުލްގަފޫރާ ހަވާލުކޮށްފައިވަނީ 55 ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 280،035ރ. (ދުއިސައްތަ އައްޑިހަ ހާސް ތިރީސް ފަސް ރުފިޔާ) އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ، ރައީސް ޔާމީންގެ ވިސްނުފުޅަކީ މިއަހަރާއި އަންނަ އަހަރުގެ ތެރޭ ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކާއި އަދި ހޮސްޕިޓަލުތައް ކަނޑައަޅާފައިވާ ވަކި ފެންވަރަކަށް ނިންމު ކަމަށެވެ.
މިއަހަރު ތެރޭ ބަޖެޓް ކިތަންމެ ތާށި ނަމަވެސް އެކަން ކުރަން ރައީސް ވަނީ ނިންމާފައި ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް އިތުރަށް އަޕްގްރޭޑް ކުރުމަށްޓަކައި އިތުރު ހޮސްޕިޓަލެއްގެ އެކްސްޓެންޝަން ހަދާފައިވާ ކަމަށެވެ. އެތަނުން ދޭ ހިދުމަތްތައް ފުރިހަމަ ކުރުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި ހޮސްޕިޓަލް ނިމިގެންދާއިރުގައި މި އަންނަ މަހުގެ ހަތް ވަނަ ދުވަހަށް އަޅުގަނޑުމެން އަމާޒުކޮށްފައި މިވަނީ މިތަނުގައި ޑައިލިސިސް ސެންޓަރަކާއެކީގައި ހޮސްޕީޓަލުގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރަމުން މިގެންދަނީ،" ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ގްރޭޑް ތިނެއްގެ އެ ހޮސްޕިޓަލް ގްރޭޑް އެކެއްގެ ހޮސްޕިޓަލަކަށް ބަދަލުކޮށް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްފަހު އަންނަ މަހުގެ ތެރޭ ރަސްމީކޮށް އެ ހޮސްޕިޓަލު ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަމަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކާއި ކްލިންކްތަކާއި ރީޖަނަލް ހޮސްޕިޓަލުތައް ގްރޭޑް ކުރާ ގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.