އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އައިޖީއެމްއެޗަށް ދޫކޮށްފައިވާ މުދަލަށް ދޭން ޖެހޭ 157،445.30 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އެ ފައިސާ ދޫކޮށްފައި ނުވަނީ ބިލްތަކުގެ އަސްލު ހުށަނާޅަނީސް ފައިސާ ދޫކުރުމަކީ މާލިއްޔަތުގެ ގާނޫނުގެ ދަށުން މަނާ ކަމަކަށް ވާތީ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފައިސާ ދޫކުރުމުގެ ކުރިން ބިލްތަކުގެ އަސްލު ހުށަހަޅަން ޖެހޭ ކަމަށް މާލިއްޔަތު ގާނޫނުގެ 4.04 ގައި ލިޔެފައިވާ އިބާރާތުން ދޭހަ ނުވާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.

މުދަލާއެކު ބިލްތަކުގެ އަސްލު ލިބުމުން ފައިސާ ދޫކުރާ އުސޫލެއް ގެންގުޅުމަކީ ދައުވާ ލިބޭ ފަރާތުގެ މަސައްކަތް ހަރުދަނާކޮށް ހިންގުމަށް ޓަކައި އައިޖީއެމްއެޗަށް ގެންގުޅެވިދާނެ އުސޫލެއް ކަމަށާއި ނަމަވެސް މުދަލާއި ހަވާލުވުމަށް ފަހު ބިލުގެ އަސްލު ނުލިބޭ ކަމަށް ބުނުމަކީ ފައިސާ ނުދައްކަން އޮތް ހުއްޖަތެއް ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.

އެހެންކަމުން އެފައިސާ އޭޑީކޭ އަށް ލިބިދިނުމުގެ ގޮތުން 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.