އަތޮޅުތަކުގައި ދީނީ ދަރުސްތައް ދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ޕްލޭނެއް އެކުލަވާލައިފި އެވެ.

މި އަހަރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސްތައް ދިނުމަށް ޖަމްޢިއްޔަތުއްސަލަފުން މިދިޔަ ބުރާސްފަތި ދުވަހު ޕްލޭނެއް އެކުލަވާލުމާ ގުޅިގެން އެ ޖަމިއްޔާގެ ފަރާތުން ސަން އަން މައުލޫމާތު ދެއްވަމުން ޖަމްޢިއްޔާގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު މިއަދު ވިދާޅުވީ އެ ޕްލޭނުގެ ދަށުން ކޮންމެ ހަފްތާއެއްގެ ހުކުރު، ހޮނިހިރު ދުވަހެއްގައި އަތޮޅު ތެރޭގެ ރަށްތަކަށް ޒިޔާރަތްކޮށް، ދީނީ ދަރުސްދޭން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފުން ދީނީ ދަރުސް ދިނުމަށް އަތޮޅު ތެރޭގެ ރަށްތަކަށް ޒިޔާރަތް ކުރަނީ އެ ރަށްތަކުން ރައްޔިތުން އެދުމުގެ މަތިން ކަމަށާއި އެ ގޮތުން އެ ޖަމިއްޔާ އިން އެކުލަވާލި ޕްލޭންގެ ދަށުން މިހާތަނަށް ފ. އަތޮޅަށާއި ހއ. އަތޮޅަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި ދަރުސްތައް ބޭއްވުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށާއި އެގޮތުން މިހާތަނަށްވެސް 6 ރަށަކުން ފޯމު ހުށައަޅާފައިވާކަމަށް ޢަލީރަމީޒު ވިދާޅުވިއެވެ.

ދަރުސް ދިނުމަށް އެކުލަވާލި ޕްލޭންގެ ދަށުން އަތޮޅުތަކުގައި ދަރުސް ދިނުމަށް ވަރަށް ބޮޑު ތަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވެ، އަލީ ރަމީޒު ވިދާޅުވީ ކޮންމެ ރަށަކުން ވެސް ދަރުސް ބާއްވައިދިނުމަށް އެދި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ފޯމު ސަލަފްލައިން އިން ލިބެން ހުންނާނެ ކަމަށެވެ.

ޖަމިއްޔަތުއްސަލަފުން އަތޮޅު ތެރޭގައި ބާއްވަމުންދާ ދަރުސްތަކުގެ ޓީމްގައި ހިމެނެނީ ޝައިޚް ޢަލީ ޒާހިރު ، ޝައިޚް އަޙްމަދު ސަމީރު އިބްރާހީމް، ޝައިޚް ޢަބްދުﷲ، ޝައިޚް ޙަސަން މޫސާ ފިކުރީ، ޝައިޚް ޠައްޔިބް ޢަބްދުލް ޙަކީމް ގެ އިތުރުން އެހެނިހެން ދީނީ ޢިލްމުވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޖަމްޢިއްޔަތުއްސަލަފުން ބުންޏެވެ.