28 Oct 2014, 16:56
ލ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް "ބީ"ގެ ތިންވަނަ މެޗުގައި އިއްޔެ މާމެންދޫ ޔުނައިޓެޑާއި ފޮނަދޫ ޒުވާނުންގެ ގުޅުމާ ބައްދަލު ކުރި މެޗުން 2-2 ލަނޑުން ދެ ޓީމު އެއްވަރު ވެއްޖެ އެވެ.
ދެ ޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކާފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާމެންދޫ ޔުނައިޓެޑްގެ އަހުމަދު ޝަރީފެވެ.
މުބާރާތުގެ ގްރޫޕް "ބީ" ގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ފޮނަދޫ ޒުވާނުންގެ ގުޅުމާއި މާވަށު ޒުވާނުންގެ ގުޅުމެވެ. މި މެޗު 3-0 ލަނޑުން މޮޅުވީ ފޮނަދޫ ޓީމެވެ. އަދި ގްރޫޕް "ބީ" ގެ ދެވަނަ މެޗުގައި މާމެންދޫ ޔުނައިޓެޑާއި މުކުރި މަގު ޒުވާނުންގެ ޖަމިއްޔާ ބައްދަލު ކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.
އިއްޔެ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އަތުން 3-0 ލަނޑުން މޮޅުވެ މުންޑޫ ޒުވާނުންގެ ޖަމިއްޔާ ވަނީ ގްރޫޕް 'އޭ'ގެ ދެވަނައަށް ޖެހިލައިފައެވެ.
މުބާރާތުގައި މުންޑޫ ޓީމުން ތިން މެޗު ކުޅެފައިވާއިރު ތާވަލުގެ ދެވަނައަށް އެރީ ދެ މެޗުން އެއްވަރުވެ އެއް މެޗުން މޮޅުވެގެންނެވެ. ދެ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނައިގައި އޮތީ މާބައިދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.
އިއްޔެގެ މެޗުގައި މުންޑޫ ޓީމުން ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މުހައްމަދު އަކްރަމް އެވެ. އަދި ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ދެވަނަ ގޯލު ޖަހާފައިވަނީ މުހައްމަދު ނިޝާހް އެވެ. މެޗުގެ 55 ވަނަ މިނިޓްގައި މުންޑޫ ޓީމަށް ތިންވަނަ ލަނޑު ޖަހައިދިނީ އަހުމަދު ޝަފީއު އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގެ މެޗުތައް ކުރިއަށްދާނީ މާބައިދޫގައެވެ. އަދި ގްރޫޕު 'ބީ'ގެ މެޗުތައް ކުޅޭނީ އެ އަތޮޅުގެ ކުނަހަންދޫގައެވެ.
ގްރޫޕު އޭ ގައި ހިމެނެނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އާއި އިސްދޫ އަމާޒު ޖަމިއްޔާ އާއި މާބައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި މުންޑޫ ޒުވާނުންގެ ޖަމިއްޔާ އާއި ގަން ތުނޑި ސޮސައިޓީ ފޮ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބެވެ.
ގްރޫޕް 'ބީ'ގައި ހިމެނެނީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ޖަމިއްޔާ އާއި މާމެންދޫ ޔުނައިޓެޑް އަދި މާވަށު ޒުވާނުންގެ ގުޅުމެވެ.