28 Oct 2014, 16:40
މޯލްޑިވިއަން ޑިމޮކުރަޓިކް ޕާޓީ(އެމްޑީޕީ)ގެ މެޖޯރިޓީ އޮތް ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަައް އަދި ސިޓީ ކައުންސިލްތައް ޕާޓީގެ، ޕާޓީ ލައިނުން ހިންގުމަށް އެޕާޓީން ނިންމައިފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެޕާޓީގެ ކައުންސިލް ތަކާއި ކައުންސިލަރުން މަސައްކަތް ކުރަމުންދާނީ އެޕާޓީން ހަދާ ހިންގާ ގަވައިދެއްގެ ދަށުން ކަމަށާއި އަދި ކައުންސިލްތަކުން ކަންކަން ނިންމާއިރު އެމްޑީޕީގެ ކައުންސިލަރުން މަޝްވަރާކޮށްފައި ޕާޓީ ލައިނުން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުން ކުރިއަށް އޮތްތާގައި މަސައްކަތް ކުރާނީ ޕާޓީއާ ވީހާވެސް ބޮޑަކަށް ގުޅުން ބަދަހިކޮށް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޕީޖީ ގުރޫޕުގަ ވެސް އޮންނަ ފަދައިން ކައުންސިލަރުންގެ މެދުގައިވެސް ޕާޓިގެ ލައިނުން މަސައްކަތް ކުރާ އުސޫލުން." އަލީ ވަހީދު ވިދާޅުވި އެވެ.
އެމްޑީޕީން މާލޭ ސިޓީ ކައުންސިލަށް ކޮންމެ މަހަކު އެއް ފަހަރު ގޮސް މަސައްކަތް ކުރިއަށްދާ ގޮތް ބަލާނެ ކަމަށާއި އަދި ކައުންސިލް ތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ކައުންސިލް ތަކާއި ގުޅިގެން ޝަކުވާއެއް ވާނަމަ އެމްޑީޕީއަށް ހުށައެޅުމަށް ވެސް އަލީ ވަހީދު އެދިވަޑައިގެންނެވި އެވެ.
"އަޅުގަނޑުމެން އެދެނީ އާންމު ރައްޔިތުން ވެސް މި ކައުންސިލާއި ގުޅިގެން ޝަކުވާއެއް ވާނަމަ ވެސް ޕާޓީގެ އޮފީހަށް ހުށައެޅުން، އަޅުގަނޑުމެން ބޭނުންވަނީ މަޝްވަރާގެ އުސޫލުން ކަންކަން ކޮށްގެން ރަނގަޅު ޑެލިވެރީއެއް ރައްޔިތުންނަށް ހޯދައި ދިނުން." އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީން ކައުންސިލްތައް ހިންގާ އިރު ސަރުކާރުގެ ޕުރޮޖެކްޓް ތަކަށް އެއްބާރުލުން ދޭނެތޯ ސަން އިން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ އާއި މަޝްވަރާ ކޮށްގެން ކަންކަން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެއްބާރުލުން ދޭނެ ކަމަށެވެ. ކައުންސިލްތަކަށް ބަޖެޓު ނުލިބޭތީ ވެސް އަލީ ވަހީދު ވަނީ ކަންބޮޑުވުން ފާޅުކޮށް ފައެވެ.