ރާއްޖޭގައި ނެރޭ އިސްލާމްދީނާ ގުޅޭ ފޮތްތަކާއި ރާއްޖޭން ބޭރުން ރާއްޖެ އެތެރެކުރާ ދީނީ ފޮތާއި ދީނީ ޅެން ބަލައި ފާސްކުރުމަށް ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނާ ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިސްލާމްދީނާ ގުޅޭ ފޮތްތަކަށް ހުއްދަ ދޫކުރުމަށް ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނާ ހަވާލުކުރުމުގެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހުު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ އެކު ސޮއިކުރެވުނު އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދަށުން ރާއްޖޭގައި އުފައްދާ އަދި ރާއްޖޭން ބޭރުން އެތެރެކުރާ ދީނާ ގުޅޭފޮތްތަަކާއި ޅެމަށް ހުއްދަ ދޫކުރާނީ ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ދީނާ ގުޅޭފޮތްތަކަށްވެސް އެންމެ ފަހުގެ ހުއްދަ ދޫކުރަނީ ނެޝަނަލް ބިޔުރޯ އޮފް ކްލެސިފިކޭޝަނުން. އެކަން ކުރިއަށް ގެންދިއުމުގައި އިސްލާމިކް މިނިސްޓްރީއަށް ހުށަހަޅާ، އެކަމާ ގުޅޭ ޕެނަލްއިން އެބޭފުޅުން ބައްލަވާ މައްސަލައެއް ނޫޅޭ ކަމަށް ވިދާޅުވުމުން ހުއްދަ ދޫކުރާނީ،" ޔޫތް މިނިސްޓަރު ވިދާޅުވި އެވެ.

ފޮތްތަކުގެ ޕަބްލިޝަރުންނާއި ފޮތްތައް ލިޔާ ފަރާތްތަކަށް ފަސޭހަކަމާ އަވަސް ކަމާ އެކު ފާސްވެގެން ދިއުމަށާއި ރާއްޖޭގައި ޕަބްލިޝްކުރެވޭ ފޮތްތަކަކީ މިހާރަށްވުރެ ފެންވަރު ރަނގަޅު ފޮތްތަކެއްގެ ގޮތުގައި ހެދުމަށް އިތުރު މުއައްސަސާތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

އެއްބަސްވުމުގެ ދަށުން އިސްލާމް ދީނާ ގުޅޭ މައުލޫމާތުތައް މިހާރަށްވުރެއް ހަރުދަނާ ގޮތެއްގެ މަތިން ފާސްވެގެންދާނެ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމަކީ އެއްބައިވަންތަކަން ހިފެހެއްޓުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.