މަޖީދީމަގުގައި ހުރި ފެންފޯއް ރުއްތައް ކަނޑާލުމުގައި ފުލުހުންގެ ބައިވެރިވުމެއް ވޭތޯ ބަލައިދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގެންފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާތީ، އެކަމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްތޯ ބަލައިދިނުމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި އިއްޔެ އެދިވަޑައިގެންފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ފުލުހަކު ގަވާއިދާ ޚިލާފަށް ކުރާކަމެއް މި ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ތަހުގީގު ކުރާނަން ރައީސް ނަޝީދު އެކުރައްވާ ތުހުމަތުތައް. އިއްޔެ އަޅުގަނޑު ވާނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގަ އެދިފަ އެ މައްސަލަ ތަހުގީގު ކުރުމަށް. އެއްވެސް ފުލުހަކު ގަވާއިދާ ޚިލާފަށް ކުރާކަމެއް މިސާރުކާރުން ސިއްރެއް ނުކުރާނެ،" އުމަރު ކުރެއްވި ޓުވީޓުގައި ވެއެވެ.

އުމަރު ވިދާޅުވީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ އިސްވެރިންނަށް ވެސް ދަންނަވާފައި ވާނެ ކަމަށެވެ. އަދި މިސަރުކާރުން ސިފައިންނާއި ފުލުހުން ލައްވައި ގާނޫނާ ޚިލާފު ކަންތައްތަކެއް ނުކުރާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ވާނީ ދަންނަވާފަ ފުލުހުންގެ އިސްވެރިންނަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް. މި ސަރުކާރުން ފުލުހުންނާއި ސިފައިންނަކަށް ނާންގާނެ ގާނޫނާ ޚިލާފު ކަންތައްތައް ކުރުމަކަށް،" ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓުގައި ވެއެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސާ ފާތިމަތު ސަރީރާ އަލީ ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ ފެންފޯއް ރުއްތައް ކަނޑާލުމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްތޯ ބެލުމަށް، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ހޯމް މިނިސްޓަރު އިއްޔެ އެ ކޮމިޝަންގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

ސަރީރާ ވިދާޅުވީ އެ ކޮމިޝަނުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި ތަހުގީގު ނިމޭއިރު ދައުވާ ކުރެވޭ ވަރަށް ހެކި ލިބިއްޖެނަމަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުއްވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިމުމުން ތަހުގީގު ރިޕޯޓު އާންމު ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.