މަސްތުވާތަކެތި ގެންގުޅުނު މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގ. ރޯމްގޭ މުހައްމަދު ޒައީމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:14 އެހައިކަންހާއިރު މަސްތުވާތަކެތި ގެންގުޅުނުކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ، މަޖީދީމަގުގައި ހުންނަ އަގޯރާ ފިހަރަ ކައިރިން ސައިކަލެއްގައި ޒައީމް ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައި އޭނާ ދުއްވަންއިން ސައިކަލްގެ ކަނާތްފަރާތު ފައިއަރުވައިގެން އިންނަ ޕެޑަލްމަތީގައި ޓޭފްއޮޅާފައި އޮތް ކެމަލް ސިނގިރެޓް ފޮއްޓެއް ނަގައި ޗެކްކުރި އިރު އެ ފޮށިތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 10 ރަބަރު ޕެކެޓު ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ރަބަރުޕެކެޓުގައިވާ ތަކެތި ލެބޯޓަރީގައި ތަހުލީލު ކުރި އިރު އޭގައި 14 ގްރާމް ޑައިމޯފިން ހުރިކަމަށް އެ ތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ޒައީމަށް ވަނީ އަންގާފައެވެ.