28 Oct 2014, 16:13
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓް ހަދައިދޭ އަގު ބޮޑުކުރަން ނިންމާފައިވާއިރު، އަންނަ ބުރާސްފަތި ދުވަހު ޕާސްޕޯޓް ފޯމު ހުށަހަަޅަން އެދޭ ހުރިހާ ފަރާތްތަކަށް ވެސް ނަންބަރު ދޫކުރަން އިމިގްރޭޝަން ޑިޕާޓްމަންޓުން ނިންމައިފި އެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓްގެ ކޮންޓްރޯލަރު ހަސަން އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ޕާސްޕޯޓަށް މިހާރު ދޫކުރަމުން އަންނަނީ ކޮންމެ ދުވަހަކަށް ވެސް 150 ނަންބަރު ކަމަށެވެ. ނަމަވެސް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖަހަންދެން އަންނަ ހުރިހާ ފަރާތަކަށް ވެސް ނަންބަރު ދޫކުރާނެ ކަމަށް ކޮންޓްރޯލާ ވިދާޅުވި އެވެ.
"ބުރާސްފަތި ދުވަހުގެ ލިމިޓެއް ނެތި އަންނަ ހުރިހާ މީހުންގެ ޕާސްޕޯޓަށް ކުރިމަތިލެވޭނެ. މިހާރުވެސް އާއްމުންކޮށް ދޫކުރާ 150 ޓޮކެން ނަންބަރު ބުރާސްފަތި ދުވަހު ވެސް ދޫކުރާނެ. އަދި އެ 150 ނަންބަރަށް އެދުވަހު ނުވަތަ އޭގެ އަނެއް ދުވަހު ޕާސްޕޯޓް ދޫކުރާނެ. އޭގެ ފަހުން ލިބޭ ނަންބަރުތަކަށް ޕާސްޕޯޓް ދޫކުރާނީ ވަކި ތާރީހުތަކެއްގެ ފަހުން،" ކޮންޓްރޯލާ ވިދާޅުވި އެވެ.
ނަމަވެސް އިމަޖެންސީ ހާލަތްތަކުގައި، މެޑިކަލް ރިޕޯޓްތަކާއެކު ހުށަހެޅުމުން ވަގުތުން ޕާސްޕޯޓް ދޫކުރާނެ ކަމަށް ހަސަން އަލީ ވިދާޅުވި އެވެ.
ދިވެހި ޕާސްޕޯޓް ހަދައިދޭ އަގު ބޮޑުކުރަން އިމިގްރޭޝަނުން ނިންމައި އެކަން އިއުލާންކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެ އިއުލާނާ އެކު ގިނަ ބަޔަކު ވަނީ ޕާސްޕޯޓް ހެއްދުމަށް އިމިގްރޭޝަންގައި ކިއު ހަދަން ފަށާފަ އެވެ.
ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވީ، ދިވެހި ޕާސްޕޯޓް ހަދައިދޭ އަގު ބޮޑުކުރަން ނިންމުމުން ދުވާލެއްގެ މައްޗަށް މުޅި ރާއްޖެއިން 700 އާއި 1000 އާ ދެމެދުގެ އަދަދަކަށް ޕާސްޕޯޓަށް އެދި އެ ޑިޕާޓްމަންޓަށް ހުށަހަޅާ ކަމަށެވެ.
ޕާސްޕޯޓް ހަދައިދޭ އަގު ބޮޑުކުރަން ނިންމައި އެކަން އިއުލާންކުރުމަށްފަހު އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ފޯމްތައް ބަލައިގަތުމަށްވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކޮންމެ ނަންބަރަކާއެކު ދެ ފޯމް ހުށަހެޅުމުގެ ފުރުސަތު ދީފައިވާއިރު، އެއް ނަންބަރަށް އާއިލާގެ ހުރިހާ މެންބަރުންގެ ފޯމް ހުށަހެޅޭނެ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
އިމިގްރޭޝަނުން ޕާސްޕޯޓް ހަދައިދޭ އަގަށް ބަދަލުގެންނަން ނިންމާފައި މިވަނީ، ޕާސްޕޯޓް ޕްރިންޓް ކުރުމާއި ޕްރޮސެސިން އަދި ހޭންޑްލިންގެ އަގަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައި ވުމާއި ޕާސްޕޯޓަކީ ދައުލަތުގެ މުހިއްމު ލިއުމަކަށް ވީހިނދު، ޕާސްޕޯޓާ މެދު އާންމުންދޭ ސަމާލުކަން އިތުރުކުރުމާއި ޕާސްޕޯޓާ މެދު ރައްކާތެރިވުމަށް ބާރުއެޅުމަށެވެ.
އެގޮތުން، ކުރިން 450 ރުފިޔާ އަށް ހަދައިދެމުން އައި އޯޑިނަރީ އިލެކްޓްރޯނިކް 32 ސަފްހާގެ ޕާސްޕޯޓެއް ނޮވެމްބަރު މަހުން ފެށިގެން ހަދައިދޭނީ 1000 ރުފިޔާ އަށެވެ. އަދި 650 ރުފިޔާ އަށް ހަދައިދެމުން އައި އޯޑިނަރީ އިލެކްޓްރޯނިކް 64 ސަފްހާގެ ޕާސްޕޯޓެއް ނޮވެމްބަރުން މަހުން ފެށިގެން 1500 ރުފިޔާ އަށް ހަދައިދޭން ނިންމާފައިވާއިރު، 300 ރުފިޔާ އަށް މިހާރު ހަދައިދޭ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓެއް ދެން ހަދައި ދޭނީ 600 ރުފިޔާ އަށެވެ.