28 Oct 2014, 15:55
ތޫނިސް (އޮކްޓޯބަރ 28): އުތުރު އެފްރިކާގެ އަރަބި ގައުމެއް ކަމަށްވާ ތޫނިސްގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބު އެގައުމުގެ އިލްމާނީ ފިކުރުގެ ޕާޓީއެއްކަމަށްވާ "ނިދާއުތޫނިސް" ޕާޓީ ކާމިޔާބުކޮށްފި އެވެ.
ތޫނިސްގެ އިންތިޚާބާބެހޭ އިދާރާ ބުނާގޮތުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކަނީ އެ އިންތިޚާބުގައި އެއްޕާޓީއަކަށް އެންމެ ގިނަގޮނޑި ލިބުނީ "ނިދާއުތޫނިސް" ޕާޓީއަށް ކަމުގައެވެ.
ތޫނިސްގައި އެންމެފަހުން ވެރިކަންކުރި އިސްލާމީ ފިކުރުގެ ޕާޓީކަމަށްވާ "ނަހްޒާ މޫމެންޓް" ޕާޓީ ވަނީ މި އިންތިޚާބުގައި ބަލިވެ ދެވަނައަށް ވެއްޓިފައެވެ. މިއާއެކު އިންތިޚާބުގައި ބަލިވިކަން ގަބޫލުކޮށް "ނަހްޒާ މޫމެންޓުން" ވަނީ އިންތިޚާބު ކާމިޔާބުކުރި "ނިދާއުތޫނިސް" ޕާޓީ އަށް މަރްޙަބާ ކިޔާފައެވެ.
ނަހްޒާ މޫމެންޓުގެ ތަރްޖަމާން ޒިޔާދުލްޢަޛާރީ ވިދާޅުވީ، ޕާލަމެންޓްރީ އިންތިޚާބުގައި އެ ޕާޓީއަށް ލިބުނީ ދެވަނަ ކަމަށާއި އެއްވަނަ ލިބުނީ އިދިކޮޅު އިލްމާނީ ފިކުރުގެ ޕާޓީ ކަމަށްވާ "ނިދާތޫނިސް" ޕާޓީއަށް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ނަހްޒާ މޫމެންޓުގެ ރައީސް ރާޝިދުލް ޣައްނޫޝީ ވަނީ "ނިދާތޫނިސް" ޕާޓީގެ ރައީސް އަލްބާޖީ ގާއިދުއްސިބްސީ އަށް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވާފައެވެ.
ތޫނިސްގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އިލްމާނީ ފިކުރުގެ "ނިދާތޫނިސް" ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 80 ގޮނޑިއެވެ. ކުރިން ވެރިކަންކުރި އިސްލާމީ ފިކުރުގެ "ނަހްޒާ މޫމެންޓް" ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 70 ގޮނޑިއެވެ.
ތޫނިސްގެ ޕާލަމެންޓްގެ ގޮނޑީގެ އަދަދަކީ 217 ކަމަށްވާއިރު މިއިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔަތު ލިބިފައި ނުވާތީ މިއިންތިޚާބުގައި އެންމެ ގިނައިން ގޮނޑި ކާމިޔާބުކުރި ދެޕާޓީ ކަމަށްވާ "ނިދާތޫނިސް" ޕާޓީ އާއި "ނަހްޒާ މޫމެންޓް" ޕާޓީން ވަނީ އެ ދެޕާޓީ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފައެވެ.
އަރަބި ރަބީއުގައި ވެރިކަމުގެ ނިޒާމު ބަދަލުވި ތިންގައުމުގެ ތެރޭން ކިރިޔާވެސް ހަމަޖެހުން ގާއިމް ކުރެވި ޑިމޮކްރަސީގެ އުސޫލުން ކަންތައްތައް މަޑުމަޑުން ނަމަވެސް ކުރިޔަށްދަނީ ތޫނިސް ގައެވެ. އަރަބި ރައބީއު އައި އަނެއް ދެގައުމު ކަމަށްވާ މިސްރާއި ލީބިޔާ ވަނީ ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިފައެވެ. އަދި ލީބިޔާގައިވަނީ ދާޚިލީ ހަނގުރާމައެއްވެސް ފެށިފައެވެ.
ތޫނިސްގައި 2011 ވަނަ އަހަރު ފެށުނު ރައްޔިތުންގެ އުތުރިއެރުމާއެކު އެގައުމުގެ އޭރުގެ ރައީސް ޒައިނުލްއާބިދީން ބިން ޢަލީގެ ވެރިކަން ވެއްޓުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކުރީ އިސްލާމީ ފިކުރުގެ ނަހްޒާ ޕާޓީންނެވެ. ނަމަވެސް ނަހްޒާ ޕާޓީގެ ވެރިކަމާދެކޮޅަށް ރައްޔިތުންގެ ބަޔަކާއި އިދިކޮޅު އިލްމާނީ ޕާޓީތައް ތެދުވުމުން މިއަހަރުގެ ކުރީކޮޅު އެޕާޓީވަނީ ގައުމީ މަސްލަހަތު އިސްކުރުމަށްފަހު ރުހުމުގައި ވެރިކަމުން ދުރުވެ އިންތިގާލީ ސަރުކާރަކާ ވެރިކަން ޙަވާލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ތޫނިސްއަށް ވަނީ ހަމަޖެހުން އައިސްފައެވެ. މިފަހަރު އިންތިޚާބު ބޭއްވީ މި އިންތިގާލީ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ. (އަލްޖަޒީރާ)