މިހާރު ކުރިއަށްދާ އެކްސެލް އެނާޖީ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ބޭންކް އޮފް މޯލްޑިވްސް އާއި ދިވެހި ސިފައިންގެ ކްލަބުގެ އިތުރުން ކަސްޓަމްސްގެ ޓީމް ދަތުރުކޮށްފި އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމިފައިވާއިރު ގްރޫޕް 'އޭ'ގެ އެއްވަނައިގައި 15 ޕޮއިންޓާއެކު ބީއެމްއެލް އޮތް އިރު 12 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. ތިންވަނައިގައި ހަ ޕޮއިންޓާއެކު ހައުސިންގް މިނިސްޓްރީ އޮތް އިރު ހަތަރު ވަނައިގައި ތިން ޕޮއިންޓް ހޯދައިގެން އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ. އަދި ގްރޫޕްގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޖެންޑާގެ ޓީމެވެ.

ގްރޫޕުގެ އެންމެ ކުރިހޯދައިގެން ބީއެމްއެލް ސެމީ ފައިނަލުން ޖާގަ ހޯދިއިރު ދިވެހި ސިފައިންގެ ކްލަބު ސެމީގެ ދެވަނަޖާގަ ކަށަވަރު ކުރީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް 'ބީ' އެއްވަނައިގައި އޮވެ ސެމީއިން ޖާގަ ހޯދި ކަސްޓަމްސް ޓީމަށް ވަނީ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމުނު އިރު 14 ޕޮއިންޓް ލިބިފައެވެ. މި ގްރޫޕުގެ ދެވަނައިގައިވާ ދެޓީމަށްވެސް އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވާތީ ގްރޫޕް 'ބީ' އިން ސެމީގައި ވާދަކުރާނެ ޓީމެއް ކަނޑައެޅުމަށްޓަކައި އިތުރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލު ކުރާނީ ހުޅުމާލޭ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމުނު އިރު ގްރޫޕް ބީގެ ދެވަނައިގައިވާ މި ދެޓީމް އަށްވެސް 10 ޕޮއިންޓް ލިބިފައިވެއެވެ. މި ގްރޫޕުގެ ހަތަރުވަނައިގައި ފަސް ޕޮއިންޓާއެކު އޮތީ ފިޝަރީޒް މިނިސްޓްރީގެ ޓީމެވެ. އަދި ތިން ޕޮއިންޓާއެކު އެޓާނީ ޖެނެރަލްގެ ޓީމް ފަސްވަނައިގައި އޮތް އިރު ގްރޫޕް އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ފިނޭންސް މިނިސްޓްރީ އެވެ.

މި މުބާރާތަކީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އޮފީސްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ ބާރަ ޓީމަކުން ބައިވެރިވެފައިވެއެވެ.