28 Oct 2014, 14:46
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ރާއްޖޭގެ އަތޮޅު ތަކަށް ޚާއްސަ ކޮށްގެން ބާއްވަމުން އަންނަ އަތޮޅު ފުޓްބޯޅަ މުބާރާތް ތަކުގެ ތެރެއިން ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ވޭމަންޑޫ ޒުވާނުންގެ ގުޅުން ކުޅުނު ދެވަނަ މެޗުވެސް އެޓީމުން ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ތ. ވޭމަންޑޫގައި ކުޅުނު މެޗުގައި ފައުންޑޭޝަން ފޯ ތިމަރަފުށި ފޯރަމްގެ މައްޗަށް ވޭމަންޑޫ ޓީމް ކުރިހޯދީ 3-1 ންނެވެ.
މެޗުގައި ވޭމަންޑޫ ޓީމުން ޖެހި ތިން ލަނޑުވެސް އެޓީމުގެ އަލީ އަޚްތަރު ކާމިޔާބުކޮށްދިން އިރު ތިމަރަފުށި ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ނަސީހު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވިފައިވަނީ ވޭމަންޑޫ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދީ މޮޅު ކުޅުމެއް ދެއްކި އަޚުތަރު އެވެ.
ތ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ވޭމަންޑޫ އިން ކުޅުނު ފުރަތަމަ މެޗުގައި ކަނޑޫދޫ އާއި ވާދަކޮށް އެޓީމް ކުރިހޯދީ 3-0 ންނެވެ. މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެންމެ ކުރީގައި ވޭމްންޑޫ ޓީމް އޮތީ ހަ ޕޮއިންޓާއެކުގައެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ބައިވެރިވެފައި ވެއެވެ. އެއީ ވޭމަންޑޫ ޓީމާއި ކަނޑޫދޫ ޓީމާއި ތިމަރަފުށި ޓީމާއި ވަންދޫ ޓީމުގެ އިތުރުން ގުރައިދޫގެ ޓީމެކެވެ. އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވަންދޫ ވިޓްސް ޖަމިއްޔާ އާއި ކަނޑޫދޫ ސްޕޯޓްސް ކްލަބެވެ.