ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި ހުރި ކުނިތަކެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ ހަށިގަނޑު އޮތީ ކުރުގެޅިފައި ކަމަށާއި ކަރުގެ ދެ ތަނެއް ވެސް ހުރީ ވަރަށް ބޮޑަށް ރަތްވެފައި ކަމަށް ބުނެ އެ ތަނަށް ދިޔަ ފުލުހަކު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފި އެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކުރަނީ އޭނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ، އޯޝަންވިލާ، މުހައްމަދު ނަޖާހުގެ މައްޗަށެވެ. ޕީޖީ އޮފީހުން ބުނަނީ ޝީރީން ދިރިއުޅުނު މ. ކުރަހާގެއިން، އިމާރާތް ކުރަމުންދިޔަ މ. އަންގާގިރިއަށް އޭނާ މަރާލުމަށް ފަހު ހަށިގަނޑު ގެންގޮސްފައި ވަނީ "ދަބަސް ފޮއްޓަކަށް" ލައިގެން ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެމުން ޝީރީން ފެނުނު، މ. އަންގާގިރިއަށް ދިޔަ ފުލުހުންގެ ފޮރެންސިކް ޓީމުގެ މުހައްމަދު ރައޫފް ބުނީ ކުނިތަކުގެ ތެރޭގައި ޝީރީން އޮތް އިރު ފެންނަން އޮތީ ހަމައެކަނި ޝީރީންގެ ފައިގެ ކުޑަ ތަންކޮޅެއް ކަމަށެވެ. އެއިރު އެއީ އަންހެނެއް ކަމަށް ނުވަތަ ފިރިހެނެއް ކަމެއް ވެސް ނޭނގޭ ކަމަށް ރައޫފް ބުންޏެވެ. އަދި ކުނިތައް ނެގުމަށް ފަހު ބެލިއިރު ޝީރީންގެ ކަރުގެ ދެ ތަނެއް ވަރަށް ބޮޑަށް ރަތްވެފައި ހުރި ކަމަށް ރައޫފް ބުންޏެވެ.

ޝީރީންގެ މަންމަ ވެސް އަޑުއެހުމަށް ހާޒިރުވެ އިން ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ރައޫފް ބުނީ ޝީރީންގެ ހަށިގަނޑުގެ އެކިތަންތަން ހުރީ މަށައިގެން ގޮސްފައި ކަމަށެވެ. މީގެ އިތުރުން ބުރަކައްޓާއި ފަލަމަސްގަނޑާއި އަތާއި ފައި ހުރީ ނޫފައިގަންފައި ކަމަށް އޭނާ ބުންޏެވެ. އެއިރު ޝީރީންގެ އަތާއި ފައި އޮތީ ކުރުގެޅިފައި ކަމަށް ވެސް ރައޫފް ބުންނެވެ.

ތަހުގީގުގައި ނަޖާހު ބުނި ކަމަށް ވަނީ ޝީރީން ގެއްލުނު ދުވަސް ކަމަށްވާ ޑިސެމްބަރު 31، 2009 ވަނަ ދުވަހުގެ ރޭ އޭނާ ރިސޯޓަކަށް ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު މިއަދު ޝަރީއަތުގައި ހެކިބަސް ދިން އަހުމަދު ޖަލީލް ބުނީ ޝީރީން ދިރިއުޅުނު ގެއަށް ދިޔައިރު ފައިވާނާއި ރީތިވާ ސާމާނާއި ތުވާލި ވެސް އެ ގޭގައި ހުރި ކަމަށެވެ. އަދި ޝީރީން ގެންގުޅުނީ އެންމެ ފައިވާނެއް ކަމަށް ޝީރީނާ އެކު އެ ގޭގައި ދިރިއުޅުނު މިރުފަތު ހަނީފް (ހަނީ) ބުނެފައިވާ ކަމަށް ވެސް ޖަލީލް ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޖީ އޮފީހުން ވަނީ އަނެއްކާ ވެސް އިތުރު ދެ ހެކިން ހާޒިރު ކުރުމަށް އެދިފަ އެވެ. ނަޖާހުގެ ފަރާތުން ވެސް އެއް ހެއްކަކު ހާޒިރު ކުރުމަށް އެދުނެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން މީހަކު ބުނެފައި ވަނީ "އަހަރެން މަރުވާނީ އަދި ނަޖާހު އަތުންނޭ" ޝީރީން ބުނެފައިވާ ކަމަށެވެ. އަދި ލޯ ނޫފައިގެންފައި ހުރުމުން އެކަމާ ސުވާލު ކުރުމުން އެއީ ނަޖާހު އަނިޔާކޮށްފައި ކަމަށް ބުނެފައިވާ ކަމަށް ވެސް ހެކިދިން މީހާ ބުނެފައިވެ އެވެ. އަދި ޝީރީން ދެކެ ރުޅިއައިސްގެން ނަޖާހު ވަޅިއެއް ހިފައިގެން އުޅެނިކޮށް ފެނިފައިވާ ކަމަށް ވެސް އެހެން މީހަކު ހެކިބަސް ދީފައިވެ އެވެ.

މީގެ އިތުރުން މާފަންނު ގަޑި ބުރު ކައިރިން ނަޖާހު ބަރު ފޮއްޓެއް ހިފައިގެން ޓެކްސީ ދަތުރެއް ނެގި ކަމަށާއި އެ ފޮށި ބާލާފައި ވަނީ އަންގާގިރި އަށް ކަމަށް އެ ޓެކްސީގެ ޑްރައިވަރު ޝަރީއަތުގައި ހެކިބަސް ދީފައިވެ އެވެ. އޭގެ އެއް ދުވަސް ފަހުން ފޮށި ލާފައި ހުރި ޑިކީއިން ވަރަށް ނުބައި ވަހެއް ދުވި ކަމަށް ވެސް ޑްރައިވަރު ބުނެފައިވެ އެވެ.