28 Oct 2014, 14:43
ލައިސަންސް ނެތި ކޯޗުކޮށްދިނުމުގެ ކުށުގައި ސްޕެއިންގެ ރެއާލް މެޑްރިޑްގެ ރިޒާވް ޓީމުގެ ކޯޗު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ ފްރާންސްގެ ޒައިނުއްދީން ޒިދާނަށް ތިން މަސްދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ޒިދާންގެ އިތުރުން ރެއާލްގެ ބީ ޓީމުގައި އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި ސެންޓިއާގޯ ސަންޗޭޒަށް ވެސް ވަނީ ތިން މަސްދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިވެފައެވެ. މި ދެ ކުޅުންތެރިންގެ އަތުގައި ކޯޗިންގް ލައިސެންސް ނެތި ފުޓްބޯޅަ ގަވާއިދާ ޚިލާފަށް ކޯޗުކަން ކުރަމުން ގެންދާތީ އެންމެ ފުރަތަމަ މި މައްސަލަ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ޑިސިޕްލަނަރީ ކޮމިޝަނަށް ހުށަހަޅައިފައިވަނީ މި އަހަރު އޮގަސްޓް މަހު އެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ ލާ ފިގާރޯއަށް މައުލޫމާތު ދެމުން ޒިދާން ވަނީ އޭނާގެ ދިފާއުގައި ރެއާލް މެޑްރިޑުން ގިނަ މަސަތްކަތްތަކެއް ކުރި ކަމަށާއި އަދި މި މައްސަލައިން ސަލާމަތް ވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފައެވެ.
ރެއާލް މެޑްރިޑުގެ ރިޒާވް ޓީމާއި ހަވާލު ވުމުގެ ކުރިން އެ ޓީމުގެ ފަސްޓް ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސަތްކަތްކުރި ޒިދާން އަތުގައި އޮތީ ޔުއެފާގެ ލެވެލް ދޭއްގެ ލައިސަންސެވެ. ނަމަވެސް ޔުއެފާ ގަވާއިދު ބުނާ ގޮތުން ދެވަނަ ޑިވިޝަންގެ ކްލަބަކަށް ކޯޗުކަން ކޮށްދެވޭނީ ލެވެލް ތިނެއްގެ ސެޓްފިކެޓް އޮތް މީހުންނަށެވެ.
މި ސަސްޕެންޝަނުގެ ސަބަބުން މިއަހަރު ޒިދާނަށް ކޯޗިން ދާއިރާގައި އެއްވެސް މަސަތްކަތެއް ނުކުރެވޭއިރު މި މައްސަލަ އެޕީލް ކުރުމަށް 10 ދުވަހުގެ މުއްދަތެއް އޭނާއަށް ވަނީ ލިބިފައެވެ.