ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ރައީސް އަބްދުﷲ ޔާމީން އަނބުރާ ފޮނުއްވާލެއްވުމުން އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އަށް ފޮނުވައިފި އެވެ.

އެ ބިލް ކޮމެޓީއަށް ފޮނުވަން ފެންނަ ކަަމަށް ވޯޓް ދެއްވާފައި ވަނީ 58 މެންބަރުންނެވެ. އެ ބިލް ކޮމެޓީއަށް ފޮނުވުމާމެދު ވަކިކޮޅަކަށް ވޯޓް ނުދެއްވައި އެއް މެންބަރަކު ތަޅުމުގައި އިންނެވި އެވެ.

ބިލް އަނބުރާ ފޮނުއްވި ސަބަބުތައް ބަޔާންކުރައްވައި ރައީސް އަބްދުﷲ ޔާމިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެ ބިލް ސަރުކާރުން ހުށަހެޅީ ގާނޫނު އަސާސީގައި އުނގެނުމުގެ ހައްގު ބަޔާންކުރާ 36 ވަނަ މާއްދާގައި ބުނާ މިންވަރަށް، އުނގެނުމުގެ ފުރުސަތު ދައުލަތުން ފޯރުކޮށްދިނުން ލާޒިމު ކަމަށް ކުޑަކުދިންގެ ގާނޫނުގައި ވެސް ހިމެނުމަށް ކަމަށެވެ. ނަމަވެސް ބިލް ފާސްވެގެން ދިޔައީ އެގޮތަކަށް ނޫން ކަމަށް އެ މަނިކުފާނުގެ ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ،

ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށް ތައުލީމު ހިލޭ ފޯރުކޮށްދޭން ދައުލަތަށް ލާޒިމުވަނީ ދިވެހި ކުދިންނަށް އެކަނި ކަމަށް ބިލުގައި އޮތުމަކީ ތައާރުޒުވުމެއް ކަމަށް ރައީސް ޔާމިންގެ އެ ސިޓީފުޅުގައިވެ އެވެ. އެއީ ގާނޫނު އަސާސީ އާއި އެހެން ބައެއް ގާނޫނުތަކާއި އަދި ރާއްޖޭން ބައިވެރިވެފައިވާ ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާއާ ފުށޫއަރާ ކަމެއް ކަމަށް ވެސް ފާހަގަކުރައްވަ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބޭހޭ ގާނޫނަށް މިމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ތަސްދީގް ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަނބުރާ ފޮނުއްވާލެއްވުމާ ގުޅިގެން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސް މަރުހަލާގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ގާނުނު އަސާސީއާ ގާނޫނުތަކާއި ތަޢާރުޒުވާ ގޮތަށް ބައެއް ބިލްތައް ފާސްކުރެވިގެން ދިއުމަކީ އަލަށް ކުރެވޭކަމެއް ނޫން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީތަކާއި މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތުމާއެކު އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ އެ ބިލް ތަސްދީގް ނުކުރައްވައި ރައީސް ފޮނުއްވި ސިޓީފުޅުގައި ބަޔާކޮށްފައިވާ ކަންތައްތަކަކީ އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބޭހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބައެއް ގަނޫނުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންނާ ބެހޭ މުއާހަދާއާ ފުށުއަރާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް ނިހާން ވަނީ ތާއިދު ކުރައްވާފަ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ ޕީޕީއެމްގެ މަޖިލީހެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ވެސް ސަރުކާރުން ފޮނުވާ ގޮތަށް ފާސްވެގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ފޮނުވާ ބިލްތައް މަޖިލީހުން ފާސްކުރުމުގައި ކުރަން ޖެހޭ ދިރަސާތަކާއި ގާނޫނުތަކާއި ތަޢާރުޒް ވޭތޯއާއި އަދި ކަމާ ގުޅޭ މުއައްސަސާތަކާއި ބައްދަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް މިހާރުގެ މަޖިލީހުން ނުދެކޭ ކަމަށެވެ.