28 Oct 2014, 13:56
ރާއްޖޭގެ 15 ރަށެއްގައި މިއަހަރު ބަނދަރު ހަދާ ނިމިފައިވާ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވީ 15 ރަށެއްގައި ބަނދަރުގެ މަސައްކަތް ނިމިފައިވާ އިރު އިތުރު 30 ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވާ ކަމަށެވެ.
"މިނިސްޓްރީން ވެސް އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ވަރަށް އިސްކަން ދެއްވާ، ސަރުކާރުގެ ވައުދުތައް ފުއްދަން. އެގޮތުން މިހާރު ވާނީ މިއަހަރުގެ ތެރޭގައި 15 ރަށެއްގެ ބަނދަރު ހަދާ ނިމިފަ. އަދި މިހާރު ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް 30 ރަށެއްގައި ކުރިޔަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޅ. ކުރެންދޫގެ ބަނދަރުގައި ބޮޑު ހިލަ ޖެހުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބޮޑު ހިލަތަކުގެ މަސައްކަތް ކުރުމަށް ޑިސެމްބަރު މަހު އެރަށަށް ހިލަތައް ގެންދެވޭނެ ކަމަށެވެ
މިނިސްޓަރު މުއިއްޒު ވިދާޅުވީ ގައްދޫގެ ބަނދަރު ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި ނަމަ މިނިސްޓްރީން ގައްދޫ ބަނދަރު ހެދުމާ ހަވާލު ވާނެ ކަމަށެވެ.
ށ. ކަނޑިތީމު ބަނދަރު ހެދުމުގެ އީއައޭ ފާސް ނުވުމާއި ގުޅިގެން އެރަށު ބަނދަރުގެ މަސައްކަތް ފަސް ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.