ސަލްޓަންޕާކުގެ ސެކިއުރިޓީ ގާޑަށް ހަމަލަދީ ވޮލެޓެއް ފޭރިގަނެގެން ފިލަން މަސައްކަތް ކުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 12:10 އެހައިކަންހާއިރު ސަލްޓަންޕާކް ސަރަހައްދުގައި ހިނގި ފޭރުމުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ކުދިކުދި ހާނިއްކަވުން ފިޔަވައި މާބޮޑު ސީރިއަސް އަނިޔާތަކެއް ސެކިއުރިޓީ ގާޑަށް ލިބިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސަލްޓަންޕާކްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި އުމުރުން 62 އަހަރުގެ އެމީހާ އަކީ ދިވެއްސެއް ކަމަށެވެ. އޭނާ އަށް ހަމަލާދިނުމަށްފަހު ވޮލެޓު ފޭރިގަނެގެން ފިލަން ދުވި މީހާ ހައްޔަރުކޮށްފައި ވަނީ އެވަގުތު އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނެވެ.

އެމީހާ ހައްޔަރުކޮށް އެ ސަރަހައްދު ބަލައިފާސް ކުރިއިރު ފޭރިގަތް ވޮލެޓާއި ހަމަލާދޭން ބޭނުންކުރި ކަމަށް ބެލެވޭ ވަޅިއެއް ފެނިފަވާ ކަމަށް ފުލުހުން ބުންޏެވެ.

ފޭރުމުގެ އެ ހާދިސާއާ ގުޅިގެން ހައްޔަރު ކުރި 23 އަހަރުގެ މީހާއަކީ ތަފާތު އެކިއެކި ކަންކަމާ ގުޅިގެން ތިން ފަހަރު ހުއްޓުވައި ސުވާލުކޮށް 10 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަތް ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ.

ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ އެ މީހާގެ މައްޗަށް ތުހުމަތު ކުރާ ތިން މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ