28 Oct 2014, 13:51
ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް އިސްލާހު ގެނެސް ބިލްތައް ފާސްކުރާއިރު އެހެން ގާނޫނުތަކާއި ތަޢާރުޒްނުވާ ގޮތަށް ދިރާސާ ކޮށްގެން ބިލްތައް ފާސްކުރަން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބޭހޭ ގާނޫނަށް މިމަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ތަސްދީގް ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަނބުރާ ފޮނުއްވާލެއްވުމާއި ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ގާނުނުއަސާސީއާއި ގާނޫނުތަކާއި ތަޢާރުޒުވާ ގޮތަށް ބައެއް ބިލްތައް ފާސްކުރެވިގެން ދިއުމަކީ އަލަށް ކުރެވޭކަމެއް ނޫން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ކޮމެޓީތަކާއި މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތުމާއިއެކު އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނިހާން ވިދާޅުވި އެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބޭހޭ ގާނޫނަށް އަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލްގައި ހިމެނޭ މިހުންމު ފުށުއެރުންތަކެއް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރީއްޔާގެ އޮފީހުން މިވަނީ އަޅުގަނޑުމެންނާއި ހަމައަށް މިވަނީ ފޮނުވާފައި. ގާނޫނުއަސާސީއާއި ގާނޫނުތަކާއި އެއްގޮތަށް ގާނޫނަށް އިސްލާޙް ގެނައުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ހެދުނު ގޯހެއް އަޅުގަނޑުމެންނާއި ހަމައަށް މިވަނީ ފޮނުވާފައި. މިފަދަ ކަންތައްތަކަކީ އަލަށް ދިމާވާ ކަންތައްތަކެއް ނޫން. ވޭތުވެދިޔަ މަޖިލިސް ތަކުގައި، އަންނަ ދިމާލަކުން މިކަހަލަ ކަމެއް ނިކުމެދާނެ. ނަމަވެސް މަޖިލީހުގެ މަސައްކަތުގައި މަޖިލީހުގެ ކޮމެޓީތަކަކާއި ޚާއްސަގޮތެއްގައި އަޅުގަނޑުމެންގެ މެޖޯރިޓީ މިވަގުތުއޮތްއިރު މިފަދަ ކަމެއް ނުވެ ދެން ކުރިއަސް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެ ބިލް ތަސްދީގް ނުކުރައްވައި ރައީސް ފޮނުއްވި ސިޓީފުޅުގައި ބަޔާކޮށްފައިވާ ކަންތައްތަކަކީ އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބޭހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބައެއް ގަނޫނުތަކާއި އަދި ރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންނާ ބެހޭ މުއާހަދާއާ ފުށުއަރާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް ނިހާން ވަނީ ތާއިދު ކުރައްވާފަ އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ ޕީޕީއެމްގެ މަޖިލީހެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ވެސް ސަރުކާރުން ފޮނުވާ ގޮތަށް ފާސްވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ފޮނުވާ ބިލްތައް މަޖިލީހުން ފާސްކުރުމުގައި ކުރަން ޖެހޭ ދިރަސާތަކާއި ގާނޫނުތަކާއި ތަޢާރުޒް ވޭތޯއާއި އަދި ކަމާ ގުޅޭ މުއައްސަސާތަކާއި ބައްދަލު ކުރުމަކީ މުހިންމު ކަމެއް ކަމަށް މިހާރުގެ މަޖިލީހުން ނުދެކޭ ކަމަށެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާ ބޭހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ބިލް އަނބުރާ ފޮނުއްވާލައްވަމުން ރައީސް ޔަމީން ވިދާޅުވެފައި ވަނީ މިހާރު އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލަހަކީ ގަނޫނުއަސާސީއާއި ޕްރީސްކޫލުތަކާއި ބެހޭ ގާނޫނާއި އަދި ރާއްޖެއިން ބައިވެރިވެފައިވަ ބައިނައްލަގުވަމީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާއާ ތަޢާރުޒްވާ އިސްލާހެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެ އިސްލާހު ތަސްދީގުކޮށް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުން ދައުލަތަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމަށެވެ. އެހެންކަމުން އެ ބިލް އިތުރަށް ދިރާސާކޮށް ކަމާ ގުޅޭ މުއައްސަސާތަކުގެ މަޝްވަރާ ހޯދުމަށް ރައީސް ޔަމީން މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ފިނޭސް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ލަފާ ހޯދުމަށް ރައީސްގެ ސިޓީފުޅުގައި ލަފާ ދެއްވާފައިވެ އެވެ.