28 Oct 2014, 13:22
ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަން، އެމެރިކާގެ ސިޓީއެއް ކަަމަށްވާ ލޮސް އެންޖަލިސްގެ ކޯޓަކަށް ހާޒިރުވުމަށް އަންގައިފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އިންޓަނޭޝަލް ބިޒްނަސް ޓައިމްސް (އައިބީޓީ) އިން މިއަދު ބުނީ ލޮސް އެންޖަލިސްގެ ކޯޓަށް އަމީތާބް ހާޒިރުވުމަށް އަންގާފައިވަނީ 1984 ވަނަ އަހަރު އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އިންދިރާ ގާންދީ އަވަހާރަކޮށްލުމާ ގުޅިގެން އަމީތާބް ބައްޗަން "ލެ އަށް ލޭ" ދޭންޖެހޭނެ ކަމަށް ގޮވާލައި ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެކޯޓަށް ޖަވާބެއް ދިނުމަށް އަމީތާބަށް 21 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު އަވަހާރަކޮށްލި މައްސަލަ ސާބިތުވެފައި ވަނީ އެކަމަނާގެ ސިކުންގެ ޖަމާއަތަށް ނިސްބަތްވާ ބޮޑީގާޑުންގެ މައްޗަށް ކަމަށް އައިބީޓީ އިން ބުންޏެވެ.
ލޮސް އެންޖަލިސް ކޯޓުގައި އަމީތާބްގެ މައްޗަށް ދައުވާ އުފުލާފައިވާ އެގައުމުގައި ހުންނަ ސިކުންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަަމަށްވާ "ސިކްސް ފޮ ޖަސްޓިސް" އާއި ހަވާލާދީ އައިބީޓީ ނޫހުން ބުނީ އަމީތާބް ފަދަ ނޫފުޒު ގަދަ މީހެއް "ލެ އަށް ލޭ" ދޭން ޖެހޭނެ ކަމަށް ގޮވާލުމުން މުޅި އިންޑިއާ ވަނީ ހަލަބޮލި ކަމަކަށް ވެއްޓިފައި ކަމަށެވެ. އަދި އެގޮވާލުމުގެ ސަބަބުން އިންޑިއާގެ ސިކުންގެ ޖަމާއަތާ ދެކޮޅަށް އެެތައް ޖަރީމާތަކެއް ހިންގުމަށް އެގައުމުގެ މީހުންނަށް ހިތްވަރުލިބިފައިވާ ކަަމަށެވެ.
އިންދިރާ ގާންދީ އަވަހާރަކޮށްލުމާ ގުޅިގެން ކުރި މުޒާހަރާ ތަކުގައި 100 އަށް ވުރެ ގިނަ ސިކުން މަރާލާފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
މަސްދަރު: އިންޓަނޭޝަނަލް ބިޒްނެސް ޓައިމްސް