މަންމައަ މެދު މާރާމާރީ ހިންގި މީހަކު 200 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ސ. ހިތަދޫ ރޯޝަނީގޭ މުހައްމަދު ޝަމްއޫން ހަސަންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޭނަގެ މަންމައާ މެދު މާރާމާރީ ހިންގިކަން ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ މަސްތުގެ ހާލަތުގައި ހުރެ އޭނަގެ މަންމައާ މެދު މާރާމާރީ ހިންގާފައިވާކަމަށް ޝަރީއަތުގައި އިއުތިރާފުވެފައިވާ ކަމަށެވެ.

ޝަމްއޫން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އޭނާ އަށް ވަނީ އަންގާފައެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުންނެވެ.