މަޖީދީމަގުގައި ފެންފޯއްރުއް އިންދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި މާލޭގެ މޭޔަރު ވިދާޅުވީ، ފެންފޯއްރުއްތަކަކީ އެހާ ފަސޭހައިން ލިބޭނެ އެއްޗެއް ނޫން ކަމަށާއި ފެންފޯއްރުއްތައް ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

"ދެން އަޅުގަނޑުމެން ވަރަށް އަވަހަށް އެ މަސައްކަތް [ފެންފޯއްރުއްތައް އިންދުމުގެ މަސައްކަތް] ފަށާނަން. ރުއްތަކަކީ ވެސް އެހާ ފަސޭހައިން ލިބޭނެ އެއްޗެއް ނޫން. ކޮންކްރީޓް އިމާރާތެއް ހެދުންކަހަލަ ކަމެއް ނޫން. ރުއް ވެސް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. ފުދޭވަރެއްގެ އަގުބޮޑުކަމެއް މިއީ. ބޭރުން އެކި ރަށްރަށުން މި ގެންނަން މިޖެހެނީ. މާލެއަކު ލިބެން ހުންނައެއްޗެއް ވެސް ނޫން،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، ޗާނދަނީމަގުގައި އިންދާފައި ހުރި ފެންފޯއްރުއްތައް ވެސް މީގެކުރިން ބަޔަކު ކަނޑާލާފައިވާ ކަމަށާއި އެކަން ކޮށްފައި ވަނީ އެންމެންގެ ލޯ ކުރިމަތީގައި ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ތަހުގީގުކުރެވި ޝަރީއަތްކޮށް އެކަން ކުރި މީހުންނަށް އަދަބު ދެވިފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"އެއީ އެންމެންގެ ލޯ ކުރިމަތީގައި ހިނގައިދިޔަ ކަމެއް. އެކަމަކު އެކަމަށް ވެސް އެއްވެސް ގޮތަކަށް ޝަރީއަތް ކުރެވި، އެކަމާބެހޭ ބަޔަކަށް އަދަބުދެވި މިކަހަލަކަމެއް ވެފައި ނެތްކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަކުރަން،" މޭޔަރު ވިދާޅުވި އެވެ.

ފެންފޯއް ރުއްތައް ކަނޑާލުމަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވި ކަމެއް ކަންފާހަގަކުރައްވައި އެކަމާ ގުޅޭ ގޮތުން އެނިވަޑައިގެންފައިވާ މައުލޫމާތެއް ފުލުހުންނާއި ސިޓީ ކައުންސިލަށް ހިއްސާކޮށްދިނުމަށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމުގެ ތަފްސީލީ މައުލޫމާތު ސިޓީ ކައުންސިލަށް ހިއްސާކުރައްވައިފައެވެ. އެކަމާ ގުޅޭ ގޮތުން ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިހާބު ވިދާޅުވީ، ފެންފޯއްރުއްތައް ކަނޑާލި މައްސަލައާ ގުޅޭގޮތުން ލިބޭ މައުލޫމާތެއްގެ އަލީގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅަންޖެހިއްޖެނަމަ އެފަދަ މައްސަލައެއް ހުށަހަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތެއްގެ އަލީގައި އަޅުގަނޑުމެންގެ ގާނޫނީ ލަފަޔާއެއްގޮތްވާގޮތުގެމަތިން އަޅުގަނޑުމެން އަމަލުކުރާނަން. އެއީ ޕޮލިސް އިންޓެގްރިޓީއަށް ހުށަހަޅަންޖެހޭ މައްސަލައެއް ވެއްޖެއްޔާ އެގޮތަށް ހުށަހަޅާނަން. އަދި އަޅުގަނޑުމެންގެ ގާނޫނުގަ ބުނާގޮތުން އަޅުގަނޑުމެން މިކަންތައްތައް ކުރުމުގައި ފުލުހުންގެ އެހީތެރިކަމަށް އަޅުގަނޑުމެންނަށް އެދެވޭ. މިހާރުވެސް އެދިފައި އޮންނާނީ،" މޭޔަރު ވިދާޅުވި އެވެ.