28 Oct 2014, 12:56
މިހާރު ކުރިއަށްދާ 22 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ސްޓިންގާސްގެ މައްޗަށް ހަރިކޭން ބާސްކެޓްބޯޅަ ކްލަބް އިން ކުރިހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ސްޓިންގާސްގެ މައްޗަށް ހަރިކޭން އިން ކުރިހޯދީ 100 ޕޮއިންޓް 64 ޕޮއިންޓުންނެވެ. ހަރިކޭން އިން ވަނީ ދެވަނަ ބުރުގައި އެޓީމު މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައިވަނީ ހަރިކޭންއަށް 16 ޕޮއިންޓް ހޯދައިދިން އަހުމަދު އަލީ މުސްތަފާ އެވެ.
މެޗުގައި ހަރިކޭންއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ 25 ޕޮއިންޓް ހޯދި އަހުމަދު އަދުހަމް އެވެ. އަދި ސްޓިންގާސް އިން އެންމެ ރަނގަޅަށް ކުޅުނީ 19 ޕޮއިންޓް ހޯދައިދިން ރިޝްފާން ރަޝީދު އެވެ.
ޗެމްޕިއަންޝިޕުގެ ދެވަނަ ބުރުގެ މެޗުތަކަށް ގްރޫޕް ބަހާފައިވާއިރު ގްރޫޕް 'އޭ'ގައި ހިމެނޭ ޓީމު ތަކަކީ ޓީރެކްސް ބާސްކެޓްބޯޅަ ކްލަބާއި ހަރިކޭން ބީސީ އާއި ޔޫއެން ފްރެންޑްސްގެ އިތުރުން ސްޓިންގާސް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ރެޑްލައިން ސިޓީއާއި ދިވެހި ސިފައިންގެ ކްލަބާއި ދަ ބައުސްގެ އިތުރުން ފާއިތުވި ތިން އަހަރު މި މުބާރާތް ކާމިޔާބުކުރި ރެޑްލައިން ކްލަބެވެ.
އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައި ވެއެވެ.