ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ފެނިވަޑައިނުގަންނަވާތީ އެ ޕްރޮޖެކްޓު ހުއްޓާލުމަށް ރައީސް މުހައްމަދު ނަޝީދު އިމިގްރޭޝަނަށް އަންގާފައިނުވާ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވެއްޖެ އެވެ.

އޭސީސީ އިން ހުއްޓާލުމަށް އަންގާފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ރައީސް ވަކި ގޮތަކަށް އަމަލުކުރަން އަންގަވަންދެން އެ ޕްރޮޖެކްޓް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވާތީ، އެކަމުގައި ރައީސްގެ ނިންމެވުމަކީ ކޮބައިތޯ ދެންނެވުމުން، ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، އެ ޕްރޮޖެކުޓުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ރައީސް ދެކެވަޑައިނުގަންނަވާ ކަމަށާއި އަދި އެ ޕްރޮޖެކްޓު ހުއްޓާލުމަށް އިމިގްރޭޝަން ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމަށް ރައީސް އަންގަވާފައި ނުވާ ކަމަށެވެ.
~

"ރައީސް ދެކެވަޑައެއް ނުގަންނަވައޭ އެ މަޝްރޫއުގައި ކޮރަޕްޝަނާ ގުޅޭ އެއްވެސް ކަމެއް ހިނގާފައިވާ ކަމަކަށް. އަދި ހިންގަވާ ކަމަކަށް ވެސް. އެހެންވީމަ ދެން ވާނެ ގޮތަކީ ތުހުމަތުކުރެވޭ ފަރާތަކީ ސަރުކާރު ކަމަށް ވެފައި، ސަރުކާރުން އެބާވަތުގެ ކަމެއް ނެތް ކަމަށް ހަމަ ޔަގީންކަމާ އެކު ދެކެވަޑައިގަންނަވާ ކަމަށް ވަންޏާ، އެކަމުގައި ވަކި ބޭފުޅުންކޮޅެއް އެބޭފުޅުންގެ ތަހުގީގު ނުނިންމަވާ، މެދު މަރުހަލާގައި އަންގަވާ ކަންކަން އެއީ ނިންމެވުން ކަން ސަރުކާރަކުން ދެކެވަޑައެއް ނުގަންނަވާ،" ކެބިނެޓުގެ ނުވަތަ ޕްލޭނިން ކައުންސިލްގެ ލަފައާ އެއްގޮތަށް އަލުން ބިޑަށް ލައިގެން ޕްރޮޖެކްޓް ގެންދިއުމަށް އޭސީސީން އިމިގްރޭޝަނަށް އެންގި އެންގުމާ ގުޅޭ ގޮތުން ކުޅުދުއްފުށީގައި ހުންނަވައިގެން ފޯނުން މައުލޫމާތު ދެއްވަމުން ޒުހެއިރު ވިދާޅުވި އެވެ.

އަދި އެފަދަ ނިންމުމެއް ނިންމަން ޖެހޭނީ ޝަރީއަތުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

"އެ މައްސަލަ ޝަރީއަތުގައި ސާބިތު ކަމަށް ވެސް ]ސަރުކާރުން[ ނުދެކޭ" ޒުހެއިރު ވިދާޅުވި އެވެ.
ނަމަވެސް، ސަރުކާރުން ހިންގާ ކަމެއް ލަސްކޮށްލުމަށް ނުވަތަ ހުއްޓާލުމަށް އޭސީސީން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގައިފި ނަމަ، އެ ކޮމިޝަނުން އެންގި ގޮތަކަށް ވަގުތުން އަމަލުކުރެއްވުމަށް ރައީސް ނަޝީދު ކުރިން އަންގަވާފައިވާ އިރު، ބޯޑާ ކޮންޓްރޯލު ސިސްޓަމް ހުއްޓާލުމަށް ރައީސް ނާންގަވަނީ ކީއްވެތޯ ދެންނެވުމުން ވިދާޅުވީ، ކޮރަޕްޝަނެއް ނެތް ކަމަށް ސަރުކާރަށް ފެންނަ ކަމެއްގައި އެކަން ހުއްޓާލަން ނާންގާނެ ކަމަށެވެ.

"ކީއްވެގެންތޯ އަންގަވަންވީ. ސަރުކާރާ މެދު ކުރެވޭ ތަހުގީގަށް އެއްބާރުލުން ދެއްވަން އަންގަވާފައި، ދެން އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް [ރައީސް ނަޝީދަށް[ ފެނިވަޑައިގަންނަވަންޏާ، އެކަމެއް ]ކޮރަޕްޝަނެއް ނެތް ކަމެއް[ ހުއްޓާލަންވަން ނާންގަވާނެ ނުންތޯ. ނާންގަވާނެ. އަދި ނުވެސް އަންގަވާ،" ޒުހެއިރު ވިދާޅުވި އެވެ.

އޮކްޓޯބަރު 17، 2010 ގައި މެލޭޝިޔާގެ ނެކްސްބިޒްއާ ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީން ވަނީ އެ މަސައްކަތް ހުއްޓުވައިފަ އެވެ. ނަމަވެސް، އިމިގްރޭޝަން ކޮންޓްރޯލޯ މިއަދު ވިދާޅުވީ، ރައީސް ވަކި ގޮތަކަށް އަންގަވަން ދެން ނުވަތަ ޝަރީއަތުން ވަކި ގޮތަކަށް ސާބިތުވަން ދެން ކުރިން އޮތް ގޮތަށް ނެކްސްބިޒްއާ އެކު ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށެވެ.