28 Oct 2014, 12:46
އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދުނިޔޭގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ފީފާއިން ދޭ ބެލޮންޑޯ އެވޯޑަށް ވާދަކުރާ 23 ކުޅުންތެރީންގެ ނަންތައް އިއުލާން ކޮށްފި އެވެ.
މިފަހަރުގެ އެވޯޑަށް ޔޫރަޕްގެ ޗެމްޕިއަން ރެއާލްމެޑްރިޑުން ހަ ކުޅުންތެރިއަކު ވާދަކުރެ އެވެ. އެ ކުޅުންތެރިންނަކީ އެންމެ ފަހުގެ ބެލޮންޑޯ އެވޯޑް ހާސިލްކުރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް އާއި ނިމިގެން ދިޔަ ވޯލްޑް ކަޕުން ވިދާލި ދެ ކުޅުންތެރިން ކަމަށްވާ ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒް އާއި ޖާމަނީގެ ޓޯނީ ކްރޫސް އާއި ގެރެތު ބޭލްގެ އިތުރުން ފްރާންސްގެ ފޯވަޑް ކަރިމް ބެންޒީމާ އެވެ.
ރެއާލް މެޑްރިޑުގެ އިތުރުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އިންވެސް ހަ ކުޅުންތެރިއަކު މި އެވޯޑަށް ޥާދަކުރެއެވެ. އެއީ ތަޖުރިބާކާރު މިޑްފީލްޑަަރު ބަސްޓިއަން ޝްވައިންސްޓެއިގާ އާއި ތޯމަސް މުލާ އާއި މާރިއޯ ގޮޓްޒޭއާއި ވޯލްޑް ކަޕުގެ ރަން އަންގި ހޯދި ކީޕަރު މެނުއެލް ނޯޔާ އާއި ފިލިޕް ލާމްގެ އިތުރުން ހުނަރުވެރި ވިންގާ އަރްޔެން ރޮބެން އެވެ.
ވަކިވަކި ކުޅުންތެރިންނަށްދޭ އެވޯޑް ތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ބެލެންޑޯއަށް ދެން ވާދަކުރާ ކުޅުންތެރިން ތަކަކީ ޑިއޭގޯ ކޮސްޓާ އާއި އެޑެން ހަޒާޑް އާއި ޓިބައުޓް ކޯޓުއާ އާއި ޒްލާޓާން އިބްރަހިމޮވިޗް އާއި އެންޖެލް ޑި މަރިއާ އާއި އަންދްރޭ އިނިއެސްޓާ އާއި ހާވިއާ މަޝަރާނޯ އާއި ވޯލްޑް ކަޕުގެ ޒުޥާން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޕައުލް ޕޮގްބާ އާއި ޔާޔާ ޓޫރޭ އާއި ނޭމާގެ އިތުރުން ބެލެންޑޯ އެވޯޑް ރެކޯޑް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އެވެ.
ފީފާ އިން ދޭ އަހަރުގެ އެންމެ މޮޅު ކޯޗު ކަމުގެ މަގާމަށް ވާދަކުރަނީ ޖަރުމަން ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޔަކިމް ލޯ އާއި ލުއިސް ވެންހާލް އާއި އެންޓޯނިއޯ ކޮންޓޭ އާއި ޔާގަން ކްލިންސްމަން އާއި މެނުއެލް ޕެލެގްރިނީ އާއި އަލެހަންދްރޯ ސަބެއްލާ އާއި ޑިއޭގޯ ސިމިއޯނީގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކާލޯ އެންޗެލޯޓީ އެވެ.
މި އެވޯޑްތައް ލިބޭ ކުޅުންތެރިން އިއުލާން ކުރާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ސްވިޒަލޭންޑްގެ ޒިއުރިކްގައި ބާއްވާ ފީފާގެ ގާލާ ނައިޓް ގައެވެ.