28 Oct 2014, 12:29
އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ގދ. މާވާރުލުގައި ރަންވޭ އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މާވާރުލުގައި އެއާޕޯޓް ތަރައްގީ ކުރާ މޫވިން އިންޓަނޭޝަނަލްގެ ޕްރޮޖެކްޓް ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، އެރަށުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރަންވޭ އެޅުމަށް އެ ސަރަހައްދު ކޮނުމުގެ މަސައްކަތް މިއަދު ފައްށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ނޮވެމްބަރު މަހުގެ ނިޔަލަށް ރަންވޭ ކޮނެ ނިންމާލައި ޑިސެމްބަރު މަހު ތާރު އަޅައި ނިންމާލެވޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު މަސައްކަތް ދާ ސްޕީޑުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އެރަށުގައި އެއާޕޯޓް އެޅުމުގެ ބޮޑު ބައެއްގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެގޮތުން އެއާޕޯޓަކަށް ބޭނުންވާ އިމާރާތްތަކުގެ 99 ޕަސެންޓްގެ މަސައްކަތް ނިމިފައިވާކަމަށް ސައީދު ވިދާޅުވި އެވެ.
މާވާރުލުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.