މީހެއްގެ އަތުން ފައިސާތަކެއް ފޭރުނު ދެ މީހަކު ދިގު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖަމާއަތް ހަދައިގެން މީހެއްގެ ފައިސާތައް ފޭރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ސ. މީދޫ އަބްހަރީވާދީ އަހްމަދު ނިޒާމް ދެ އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ސ. ހިތަދޫ ޗަރުކޭސީގޭ ޔާމީން އަހްމަދު ތިން އަހަރާއި ހަ މަސް ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުދަ ދުވަހު ކުރި ހުކުމްގައި ވަނީ އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރެވުނު މީހުން ދައްކާފައިވާ ވާހަކަތަކާއި ލިބިފައިވާ ސީސީޓީވީ ފްޓޭޖްތަކުން އެމީހުން ފައިސާތައް ފޭރިފައިވާކަން ގަބޫލުކުރެވޭ ކަމަށެވެ. އަދި އެމީހުން އެ ފައިސާތައް ފޭރިގެންފައި ވަނީ 2009 ވަނަ އަހަރުގެ މެއި މަހުގެ 21 ވަމަ ދުވަހުގެ 6:10 އެހައިކަންހާއިރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

އެ މީހުންގެ ތެރެއިން މިއީ ނިޒާމްގެ މައްޗަށް ފޭރުމުގެ ކުށެއް ސާބިތުވި ދެވަނަ ފަހަރު ކަމަށާއި އަދި މިއީ ޔާމީންގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.