28 Oct 2014, 12:11
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އަންނަ ޑިސެމްބަރު މަހުގެ ކުރު އުމްރާއަށް ގެންދިއުމުގެ އަގަކީ 32،965 ރުފިޔާ ކަމަށް ކަނޑައަޅައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް "ސަން" އަށް ވިދާޅުވީ، އަންނަ ޑިސެމްބަރު މަހުގެ ކުރު އުމްރާ އަށް ގެންދިއުމުގެ އަގު ކަނޑައަޅައިފައި ވަނީ ހުރިހާ ކަމެއް ހިމެނިގެން ކަމަށެވެ. އަދި އުމްރާއަށް ދާން ފައިސާ ދައްކާ އެންމެންނަށް މިފަހަރު ފުރުސަތު ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ބައެއް ފަރާތްތަކުން އަގުހެޔޮ ޕެކޭޖްތައް ވެސްއެބަ ގެންގުޅޭ. އެކަމަކު ފަހުން މީހުންގެ އަތުން ވިސާ އަށާއި ވެކްސިން ޖެހުމަށާ ކަންކަމަށް ފައިސާ ވަކީން އެބަ ނަގާ. އެކަމަކު އަޅުނގަޑުމެންގެ ޕެކޭޖުގައި އެ ހުރިހާ ކަމެއް ހިމަނައިގެން އެއްކޮށް އަގު ހަދާފަ ހުންނާނީ،" ހައްޖު ކޯޕަރޭޝަންގެ އެމްޑީ ވިދާޅުވި އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ ރޯދަ މަހު އުމްރާ އަށް ގެންގޮސްފައިވަނީ 50 މީހުންނެވެ. އެ ފަހަރު އުމްރާ ދަތުރުގެ އަގުގެ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ނެގީ ބޮލަކަށް 34،850ރ. އެވެ.
ޔާމީން ވިދާޅުވީ، ޑިސެމްބަރު މަހުގެ ކުރު އުމްރާ އަށް ދިއުމަށް ބޭނުންވާ މީހުން ރަޖިސްޓްރީވެ ފައިސާ ދެއްކުމަށް އަންނަ މަހު ދެއަކުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.