28 Oct 2014, 11:44
މިހާރު ހަމަޖެހިފައި އޮތް ގޮތުން ނަމަ، ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބުރިޖު ހިންގާ އޮޕަރޭޓް ކުރާނީ އެބުރިޖު އަޅާ ކުންފުނިން ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރޭ އޮތް ސަން ޓީވީގެ "50 މިނެޓު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބުރިޖު ހިންގާނީ ބުރިޖު އަޅައިދޭ ފަރާތުން ނޫން ކަމަށާއި ބުރިޖު މެއިންޓެނެންސް ކޮށް ބުރިޖު ހިންގާނެ ފަރާތެއް ފަހުން ކަނޑައަޅާނެ ކަމަށެވެ. އަދި މިސުޓޭޖުގައި ބުރިޖުގެ ޑިޒައިން ވެސް މުޅީން ނުނިންމާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ވީހާވެސް ފުރިހަމަކޮށް އިރާދަކުރެއްވިއްޔާ ބުރިޖު ޑިޒައިން ކުރުމަށް އަޅުގަނޑުމެން ނިންމާފައި ވާނީ، އަދި މިހާތަނަކަށް ކިތައް ލޭން ކަމެއް ނިންމާފައެއް ނޯންނާނެ." މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
ބުރިޖުގެ ސާވޭ ކުރުމަށް ޗައިނާގެ ސަރުކާރުން ހަވާލުކޮށް ރާއްޖޭގައި މަސައްކަތް މިހާރު ފަށާފައިވާ ޗައިނާގެ ކުންފުންޏަކީ ބުރިޖު އެޅުމުގެ ދާއިރާއިން އެގައުމުގައި އެންމެ ނަގާ ކިޔާ ކުންފުނިކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު މިދާ ޑިޒައިން ސްޓޭޖަށް ވިސްނާ ނަމަވެސް މިއީ ޗައިނާގެ އެންމެ ނަގާ ކިޔާ ކުންފުނި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ސާވޭ ކުރަމުން އަންނަ ޓީމުގެ ކުންފުނިން މިހާރު ޗައިނާގައި ހަދާ ބުރިޖަކީ 30 ކިލޯ މީޓަރު ދިގު ބުރިޖެއް ކަމަށާއި އަދި އެކުންފުންޏަކީ ޗައިނާގައި އެންމެ ދިގުކޮށް ބޮޑެތި ބުރިޖުތައް އަޅާފައިވާ ކުންފުނި ކަމަށެވެ. އެހެން ކަމުން މާލެ ސަރަހައްދުގައި ބުރިޖު އެޅުމަށް ދިމާވާ ގޮންޖެހުން ތަކަކީ މި ސާވޭ ޓީމަށް މާ ބޮޑުކަމެއް ނޫންކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ބްރިޖް ސާވޭ ޓީމާއި އިކޮނޮމިކް ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިނާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރު ލިއޫ ގިއާން ވިދާޅުވީ، ރާއްޖޭގައި އަޅާ ބްރިޖަށް ފައިސާދޭން ޗައިނާގެ ސަރުކާރުން ވިސްނާނީ ބްރިޖްގެ ސާވޭތައް ކޮށް ނިމުމުން ކަމަށާއި އެ ސާވޭގައި ފަސް ކަމެއް ބަލާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޗައިނާ އިން ބްރިޖް ޕްރޮޖެކްޓް ސާވޭ ކުރުމަށް ރާއްޖެ ފޮނުވި ޓީމުގައި އަށް އެކްސްޕާޓުން ހިމެނޭ ކަމަށާއި އެ ސާވޭތަކުގެ މަސައްކަތް 40 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ބުރިޖު ޕުރޮޖެކްޓް މި ދައުރުގެ ތެރޭގައި ނިންމާލެވޭނެ ކަމުގެ ކިހާބޮޑު ޔަގީންކަމެއް ދެއްވަފާނަންތޯ ސަން ޓީވީގެ "50 މިނެޓު" ޕްރޮގްރާމްގެ ޕްރެސެންޓަރު ސުވާލު ދެންނެވުމުން، މިނިސްޓަރު މުއިއްޒު ވިދާޅުވީ "ރައީސް ޔާމީން ވައުދުވެ ވަޑައިގަންނަވާނީ އެކަން ކުރެއްވޭނެ ކަމުގައިވާނަމަ. އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ، އިރާދަކުރެވިއްޔާ މިޕުރޮޖެކްޓަކީ ޔަގީން ޕުރޮޖެކްޓެކޭ، ޔަގީން ކަމާއެކީ މިދައުރު ނިމުމުގެ ކުރިން މި ޕުރޮޖެކްޓް ނިންމާނަމޭ." ކަމަށެވެ.
ބުރިޖުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ނަގާނީ ކިހާވަރެއްގެ ފީއެއްތޯ ނުވަތަ އެއްވެސް ފީއެއް ނަގާނެތޯ ސުވާލުދެންނެވުމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެއްވެސް ކަމެއް ރައްޔިތުންނަށް ތަކުލީފަކަށްވާން މި ސަރުކާރުން ބޭނުން ނުވާނެ ކަމަށާއި ސަރުކާރުން ބަލާނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ގޮތަކަށް ބްރިޖުގެ ޚިދުމަތް ލިބިގެން ދާނޭ ގޮތަކަށް އެކަން ނިންމޭތޯ ކަމަށެވެ.
ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓްކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ، މި ޕްރޮޖްކްޓް ކާމިޔާބުކަމާ އެކު ނިންމައިލުމަށް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ އިދާރާތައް ގުޅިގެން ވަރަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.