ރާއްޖެއާއި އޭޝިއާގެ ބޮޑު ބަޔަކަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގެދޮރު ގެއްލުނު މ. ކޮޅުފުށީގެ އާއިލާތަކަށް އެރަށުގައި އަޅާފައި ހުރި ވަގުތީ ހިޔާތަކުގެ ތެރެއިން ތިން ތަނެއްގެ ނީލަން ފަށައިފި އެވެ.

ގެދޮރު ލިބި ހަމަ ޖެހުނު އާއިލާތަކުން ދޫކޮށް ދިޔަ އެ ތިން ވަގުތީ ހިޔާ، ސިޓީލާ ނީލަމުގައި ވިއްކާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ކޮޅުފުށީ ކައުންސިލުން ބުންޏެވެ.

ކޮޅުފުށީ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނައީމު ވިދާޅުވީ، ތިން ވަގުތީ ހިޔާ ވެސް ނީލަމުގައި ވިއްކާލުމަށް ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 7000 ރުފިޔާ ކަމަށެވެ. އަދި ވިދާޅުވީ، އެއް ވަގުތީ ހިޔާއަށް ބައެއް ފަރާތްތަކުން އަގު ހުށަހެޅުމުން މިހާރު އެތަނުގެ އަގު 8500 އަށް އަރާފައިވާ ކަމަށެވެ.

ނީލަމުގައި ވިއްކާލާ ވަގުތީ ހިޔާތަކުގެ ފުޅާމިނުގައި އަށް ފޫޓް އަދި ދިގުމިނުގައި 12 ފޫޓް ހުންނަ ކޮޓަރި، 40 އާ 50 ދެމެދު އަދަދަކަށް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ ކޮޓަރިތައް ވަކިކޮށްފައި ވަނީ 9 އެމް އެމްއާއި ހައެއް އެމްއެމްގެ ޕްލައިވުޑް ފިލައިން ކަމަށެވެ. ހިޔާތަކުގެ ފުރާޅުގެ އޮނިގަނޑު ހަދާފައި ވަނީ ދަނގަނޑު ހޮޅިއާއި އޭންގަލް ދަގަނޑުން ކަމަށާއި ފުރާޅުގައި ޖަހާފައި ވަނީ ދަގަނޑު ޓިނު ކަމަށް ވެސް ވިދާޅުވި އެވެ.

" ... ވަރަށް ރަނގަޅު ހާލަތެއްގައި ޓިނުތަކާއި ހޮޅިތައް އަދި ދަގަނޑުތައް ވެސްހުރީ. ނީލަމަށް މީހުންގެ ތަރުހީބު އަންނަނީ ލިބެމުން،" އޭނާ ވިދާޅުވި އެވެ.

ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ދެ އާއިލާއެއްގެ މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ. އެ އާއިލާތަކަށް ގެދޮރު އެޅުމުގެ މަސައްކަތް ވަކި ހިސާބަކަށް ކުރުމަށް ފަހު ވަނީ ހުއްޓިފައެވެ. ނަމަވެސް އެ މަޝްރޫއަށް މިހާރު ފައިސާ ލިބިފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީއާ ހަވާލާދީ ކޮޅުފުށި ކައުންސިލުން ބުންޏެވެ.